ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިން ކޮއިމަލާ ހިނގުން އަދި މާނިފާ ހިނގުން ގުޅޭ ހިސާބުން ގާކޮށީގައި ބަހައްޓައިގެން ހިންގަމުންގެންދާ ޖަނަރޭޓަރުތަކާބެހޭ

2020 ވަނަ އަހަރުގައި ކަރަންޓު ނުކެނޑި ކަށަވަރުކަމާއެކު ކަރަންޓު ދިނުމަށްޓަކައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މާލެ އިންޖީނުގޭގައި ވަގުތީ ގޮތުން ބެހައްޓާފައިވާ ޖަނެރޭޓަރުތަކުގެ ސަބަބުން، އެހިސާބުގައި ދިރިއުޅުއްވާ ރައްޔިތުންނަށް މި ޖަނެރޭޓަރުގަކުގެ އަޑާއި، ނިކުންނަ ދުމާއި، އެޖަނެރޭޓަރުތަކުން އުފައްދާ ވައިބްރޭޝަންތަކުގެ ނޭދެވޭ އަސަރު ކުރާ ކަމުގެ ޝަކުވާ މި އޮތޯރިޓީއަށް 2021 ފެބުރުވަރީ ފަހުކޮޅު ލިބުމާގުޅިގެން، އެމައްސަލަ ބަލަމުންދާ ކަމަށް (PR)485/485/2021/1 ނަންބަރު ނޫސް ބަޔާނުން ވާނީ އާންމުކޮށް އިއުލާން ކޮށްފައެވެ.

ސްޓެލްކޯގެ މާލެ އިންޖީނުގޭ ސަރަޙައްދުގެ މާނިފާ ހިނގުމާއި، ކޮއިމަލާ ހިނގުން ގުޅޭ ކަންމައްޗަށްވާގޮތަށް ގާކޮށީގެތެރޭގައި އަލަށް ބެހެއްޓިފައިވާ ޖެނަރޭޓަރުތަކަކީ މާލޭގެ ކަރަންޓު ބޭނުންވާ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން، މާލެއިން ކަރަންޓު ނުކެނޑި ހިފެހެއްޓުމަށްޓަކައި، ސްޓެލްކޯގެ ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރަން ޖެހިފައިވާތީވެ ބެހެއްޓިފައިވާ ވަގުތީ ޖެނެރޭޓަރުތަކެކެވެ. އަދި މިމައްސަލައަށް އެންމެ އަވަސް ހައްލެއް ކަމަށް މިއޮތޯރިޓީއަށް ފެނިފައިވަނީ ސްޓެލްކޯއިން ވަގުތީ ގޮތުން ބަހައްޓާފައިވާ ޖެނެރޭޓަރުތައް ހިންގުން ހުއްޓާލުމެވެ.

ނަމަވެސް ސްޓެލްކޯއިން ފޯރުކޮށްދެމުން ގެންދަނީ އަސާސީ ހިދުމަތަކަށްވެފައި، މިގޮތަށް ކަންކުރުމުން މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑާލަންޖެހި ޖެނެރޭޓަރުތަކަށް އޭގެ ނޭދެވޭ އަސަރު ކުރުމާއެކު އެތަކެއް ރައްޔިތުންނަށް މިކަމުގެ ސަބަބުން އެކިކަހަލަ އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެއެވެ. އަދި މިއޮތޯރިޓީއާ ސްޓެލްކޯއާ އެކު ކުރެވުނު މަޝްވަރާތަކުގައި، ވަގުތީ ގޮތުން ބެހެއްޓިފައިވާ ޖެނެރޭޓަރުތަކަކީ ކޮންމެހެން ހިންގަންޖެހިއްޖެ ހާލަތެއްގައި މެނުވީ ނުހިންގާނެ ޖެނެރޭޓަރުތަކެއްކަމުގެ ޔަޤީންކަން ސްޓެލްކޯއިން ވަނީ ދީފައެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނީ މާލެ-ހުޅުމާލެ ކަރަންޓު ވިއުގަ ގުޅާލެވިގެން ދިއުމުންނެވެ. އޭގެ ސަބަބުން ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއިން އުފައްދާ ކަރަންޓުގެ މިންވަރަށް ބަލައި ބައެއް ޖެނެރޭޓަރުތައް ނިއްވާލެވޭނެ ކަމުގައި ސްޓެލްކޯ އިން ވަނީ މަޢުލޫމާތު ދެއްވާފައެވެ. ދިމާވެފައިވާ މިމައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ސައުންޑް އެޓެނުއޭޝަން މެޓީރިއަލް ބޭނުން ކޮށްގެން ވަގުތީ އިންޖިނުތައް ބެހެއްޓިފައިވާ ސަރަހައްދު ހިޔާ ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ސްޓެލްކޯއިން ވަނީ މަޢުލޫމާތު ދީފައެވެ.

މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ތިރީގައިވާ ކަންތައްތައް ކުރުމަށް ސްޓެލްކޯއަށް 2021 ޖޫން 22 ވަނަ ދުވަހު ވަނީ އަންގާފައެވެ.

  • މި މައްސަލައަށް ދާއިމީކޮށް ޙައްލުވަންދެން ޖަނަރޭޓަރުތަކުން ވާ އުނދަގޫ ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން.
  • މާލެ-ހުޅުމާލެ އިންޓަރކަނެކްޝަންގެ މަސައްކަތް 31 ޖުލައި 2021 ގެ ނިޔަލަށް ނިންމައި ކަރަންޓު ދޭން ފެށުން
  • 15 އޮގަސްޓް 2021 އާ ހަމައަށް ދެންނެވުނު ވަގުތީ ޖަނަރޭޓަރުތައް އެއްކޮށް ހުއްޓާލައި ޑީކޮމިޝަންކުރުން
  • މުސްތަޤުބަލުގައި އިތުރު ޖަނަރޭޓަރެއް ބަހައްޓާކަމުގައި ވާނަމަ އަކަމަށް ބޭނުންވާ ހުރިހާ އެސެސްމަންޓްތައް ހުދުމަށްފަހުގައި، ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން އެކަންތައްތައް ކުރުން.

 

ޖަނަރޭޓަރުތައް ބަހައްޓައި ހިންގުމުގައި ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދާނަމަ، މިފަދަ މައްސަލަތައް ދިމާވުމުގެ ފުރުޞަތު ވަރަށް ކުޑަވާނެކަމަށް މި އޮތޯރިޓީން ދެކެމެވެ. އަދި ޖުމްލަކޮށް ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫޢުތަކަގައި ޢަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން، ޑިޒައިންތައް އެޕްރޫވް ކުރުމާއި އެކި ވުޒާރާތަކުން ހޯދަންޖެހޭނެ ހުއްދަ ހޯދުމަށް މި ފުރުސަތުގައި ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

 

13 ޛުލްޤައިދާ      1442

23 ޖޫން          2021

23 ޖޫން 2021
ހޯދާ