ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކަށް ކުނި އެޅުން މަނާކުރުމާއިބެހޭ؛

މިހާރަކަށްއައިސް ބައެއް ފަރާތްތަކުން ކައުންސިލުން ކުނި އެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ނޫން އެހެން ސަރަޙައްދުތަކަށް (ރަށުގެ ހޭޅިފަށާއި، ކުޅިތަކާއި، މީހުންގެ ގޯތިތަކާއި އިންވެގެން ހުރި ގޯތިތަކަށާއި އަދި ކައިރީގައި ހުރި ހުސްބިންތަކާއި މީހުން ޢާއްމުކޮށް ބޭނުން ކުރަމުންދާ އިޖުތިމާޢީ ބައެއް ސަރަޙައްދުތަކަށް) ކުނި އަޅަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާތީވެ، ކުނި އެޅުމަށް މިހާރު ހަމަޖައްސާފައިވާ ސަރަޙައްދު (ރަށުގެ އިރުދެކުނު ހިއްކިބިމުގެ ސަރަޙައްދު) ފިޔަވައި އެހެން ތަންތަނަށް ކުނި ނޭޅުމަށް އެންމެހާ ރައްޔިތުންނަށް ހަނދާންކޮށްދީ ނަޞޭހަތްތެރިވަމެވެ.

މިކައުންސިލުގެ އެންގުންތަކާއި ޚިލާފަށް ކުނި އެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ފިޔަވައި އެހެން ތަންތަނަށް ކުނިއަޅަމުންދާ ފަރާތްތަކާއިމެދު މިކައުންސިލްގެ "ކުނި އުކާލުމާއި ކުނި ނައްތާލުމާއިބެހޭ ޤަވާއިދު" ގެ 10 އަދި 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެކަން އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިފަދަ ނޭދެވޭ އެންމެހާ ކަންތައްތައް ހުއްޓުވުމުގައި ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މިފުރުސަތުގައި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ. އަދި މިކައުންސިލްގެ "ކުނި އުކާލުމާއި ކުނި ނައްތާލުމާއިބެހޭ ޤަވާއިދު" ޢާއްމުކޮށް ރައްޔިތުންނަށް ފެންނާނެހެން ކައުންސިލްގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައިވާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

14 ޖޫން 2021
ހޯދާ