ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ގޮނޑުދޮށުން އަދި ރަށާއި ގުޅިފައިވާ ފަޅާއި ފަރުން ކަށިވެލި، ދޮންވެލި، އަދި އަކިރި ނެގުން މަނާކުރުމާއި ބެހޭ!

ރަށުގެ ގޮނޑުދޮށުން އަދި ފަރާއި، ފަޅުން ކަށިވެލި، ދޮންވެލި އަދި އަކިރި ނެގުން މިކައުންސިލުން ވާނީ 28 ސެޕްޓެމްބަރ 2014 ގައި "ތިމާވެށި ޙިމާޔަތްކުރުމާބެހޭ ޤަވާއިދު"ގެ ދަށުން މަނާކަމެއްކަން އަންގައި ޢާންމުކޮށް އިޢުލާން ކޮށްފައެވެ. ނަމަވެސް، މިހާރު ރަށުގެ ގޮނޑުދޮށުންނާއި ފަޅުން ކަށިވެލި، ދޮންވެލި އަދި އަކިރި ނަގަމުންދާކަން މިކައުންސިލަށް ދަނީ ފާހަގަ ކުރެވެމުންނެވެ.

އެހެންކަމުން، މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކާއި މެދު ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، ހަދާފައިވާ ޤަވާއިދު ނަންބަރ: 2013/R-2055 (ތިމާވެށި ޙިމާޔަތްކުރުމާބެހޭ ޤަވާއިދު) ގައި ތިރީގައި މިވާ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ޤަވާޢިދާ ޚިލާފުވުން 15. މި ޤަވާޢިދުގައިވާ ކަމަކާ ޚިލާފުވާ ފަރާތްތަކާއި، މި ޤަވާޢިދުގެ ދަށުން ދޫކުރެވޭ ހުއްދައިގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ ޚިލާފުވާ ފަރާތްތަކާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

(ހ)

ފުރަތަމަ ފަހަރަށް ނަޞޭޙަތް ދިނުން،

(ށ)

ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/1000 (އެއްހާސް ރުފިޔާ) އިން ޖޫރިމަނާކުރުން،

(ނ)

ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/2000 (ދެހާސް ރުފިޔާ) އިން ޖޫރިމަނާކުރުން،

(ރ)

ހަތަރުވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާކުރުން، އަދި ހަތަރުވަނަ ފަހަރަށްވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު، -/5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާކުރުން،

ރަށުގެ ގޮނޑުދޮށުންނާއި ރަށާއި ގުޅިފައިވާ ފަޅާއި ފަރުން ކަށިވެލި، ދޮންވެލި، އަދި އަކިރި ނަގަމުންދާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާ ކޮށްދިނުމަށް އެންމެހާ ރައްޔިތުންގެ އަރިހުން އިޚްލާސްތެރިކަމާއެކު އެދެމެވެ. އަދި މިކަންކަން ހުއްޓުވުމަށް އެންމެހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލުން ނިހާޔަތަށް ބޭނުންވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މޭ 2021
ހޯދާ