ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ރެޖިސްޓްރަރ/ ޕޮލިސީ އެންޑް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް/ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް: ރަޖިސްޓްރަރ

މަޤާމުގެ ބާވަތް:  ދާއިމީ

އަދަދު: 01

މުސާރަ: -/15,560ރުފިޔާ

ސަރވިސް އެލަވަންސް: މުސާރައިގެ %25

ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މަސްއޫލިއްޔަތު:  

  1. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި، މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ލިޔެކިޔުންތައް ދިރާސާކޮށް ޓްރައިބިއުނަލުގެ ގަވާއިދުވާ ގޮތުގެމަތިން ބަލައިގަތުން.
  2. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ހުށަހެޅިފައިވަނީ ޓްރައިބިއުނަލުގެ ގަވާއިދާއެއްގޮތަށްތޯ ކަށަވަރުކުރުން. މިގޮތުން، ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައަކީ ނުވަތަ ލިޔެކިޔުމަކީ ޓްރައިބިއުނަލުގެ ގަވާއިދާ ޚިލާފަށް ހުށަހެޅިފައިވާ މައްސަލައެއް ނުވަތަ ލިޔުމެއްނަމަ އެ މައްސަލައެއް ނުވަތަ ލިޔުމެއް، ޓްރައިބިއުނަލުގެ ގަވާއިދާ އެއްގޮތަށް އިޞްލާޙުކުރުމަށް އެންގުން ނުވަތަ އެ މައްސަލައެއް ނުވަތަ ލިޔުމެއް ބަލައިނުގަތުމަށް ނިންމުން.
  3. ޓްރައިބިއުނަލަށް ހުށަހެޅޭ އެންމެހައި މައްސަލަތައް ދިރާސާކޮށް، ޓްރައިބިއުނަލުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މައްސަލަތައް ބަލައިގަތުމާމެދު ގޮތެއް ނިންމުން.
  4. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއް ބަލައިގަތުމަށް ނުފެންނަނަމަ، އެ މައްސަލައެއް ބަލައިގަތުމަށް ނުފެންނަ ސަބަބުގެ ޚުލާޞާއެއް މައްސަލަ ހުށަހެޅި ފަރާތަށް ލިޔުމުން ދިނުން.
  5. ޓްރައިބިއުނަލުގެ ގަވާއިދުގެ ދަށުން ބާރު ލިބިގެން ރަޖިސްޓްރަރ ނިންމާ ނިންމުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ނިންމުމެއް އަލުން ބެލުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރިޔާސަތުން ކަނޑައަޅާ މެންބަރުންގެ މަޖިލީހަކަށް އެ ނިންމުން ފޮނުވުން.
  6. ޓްރައިބިއުނަލުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެފައިވާ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހުއްދައަށް އެދި ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބަލައި، ނިންމިގޮތް، ސަބަބާއެކު ލިޔުމުން އެ މައްސަލަ ހުށަހަޅި ފަރާތަށް ދިނުން.
  7. ޓްރައިބިއުނަލަށް ހުށަހަޅޭ މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  8.  ވަޒީފާއާބެހޭ ޤާނޫނާއި، އެހެންވެސް ޤާނޫނެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ދަފްތަރުތައް ބެލެހެއްޓުން.
  9. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓްރީކޮށް ނަންބަރު ދިނުމާއި، މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ރަޖިސްޓްރޭޝަން މަރުޙަލާގައި މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި އިދާރީ ފިޔަވަޅުތައް އެކަށީގެންވާ އަވަސްމިނެއްގައި އެޅިގެންދާކަން ކަށަވަރުކުރުން.
  10. ޓްރައިބިއުނަލުގެ ކަލަންޑަރު ތައްޔާރުކުރުމާއި ޝާއިޢުކުރުން.
  11. ޓްރައިބިއުނަލުން ނިންމާ ކޮންމެ ނިންމުމެއްވެސް، އެ ނިންމުމެއް ނިންމި ތާރީޚުގައި ޓްރައިބިއުނަލުގެ ނިންމުންތަކުގެ ރަޖިސްޓްރީގައި ރެކޯޑުކޮށް ބެލެހެއްޓުން.
  12. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ތަފާސް ހިސާބުތައް ބެލެހެއްޓުން.
  13. ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ތަންފީޒުވޭތޯ ބަލައި، ޓްރައިބިއުނަލުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ތަންފީޒުކުރުމަށް ކަމާބެހޭ ކޯޓަށް ފޮނުވުން.
  14. ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ ތެރެއިން އިސްތިޢުނާފްކުރުމަށް އެދި ހުށަހަޅާ ނިންމުންތައް، ޤާނޫނުގައި ބަޔާންކުރެވިފައިވާ މުއްދަތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވުން.
  15. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޮންސިލިއޭޝަން މަރުޙަލާ ކުރިއަށް ގެންދިއުމަށް ނިންމާ މައްސަލަތަކުގެ ކޮންސިލިއޭޝަން މަރުޙަލާ ކުރިއަށް ގެންދިއުމާއި، ކޮންސިލިއޭޓްވާ މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުން.
  16. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލުން ބެލުމަށް ނިންމާ މައްސަލަތައް، މައްސަލަ ބަލާ ސެކްޝަންތަކާ އެކަށީގެންވާ އަވަސްމިނެއްގައި ޙަވާލުކުރެވޭކަން ކަށަވަރުކުރުން. އަދި ސެކްޝަންތަކާ ޙަވާލުކުރެވޭ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ އަވަސްމިނެއްގައި އެޅިގެންދާކަން ކަށަވަރުކުރުން.
  17. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އަވަސްގޮތެއްގައި ބެލުމުގައި އިސްކަންދޭންޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރެވިފައިވާ ބާވަތުގެ މައްސަލަތަކާއި، މައްސަލަ ބަލައި ނިންމުމަށް ޤާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާ ބާވަތުގެ މައްސަލަތައް ފާހަގަކޮށް، މައްސަލަ ބަލާ ސެކްޝަންތަކުގެ ސަމާލުކަމަށް ގެނައުން.
  18. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެއް ހާދިސާއެއްގެ މައްޗަށް ބިނާވާ މައްސަލަތައް ދެނެގަނެ، އެފަދަ މައްސަލަތައް ބެލުމަށް އެއް ސެކްޝަނަކާ ޙަވާލުކުރެވޭކަން ކަށަވަރުކުރުން.
  19. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، މައްސަލަބަލާ މެންބަރުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން އެކަށީގެންވާ އަވަސްމިނެއްގައި ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
  20. ޓްރައިބިއުނަލްގައި ބަލަމުންދާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރެވެމުންދޭތޯ ބަލައި ކަށަވަރުކުރުން.
  21. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ނިންމާ ނިންމުންތަކާއި، ޓްރައިބިއުނަލުން ނެރޭ އަމުރުތަކާއި މައްސަލަތަކާ ގުޅިގެން ޓްރައިބިއުނަލުން ޢާންމުކުރަންޖެހޭ އެހެނިހެން ލިޔުންތައް ޢާންމުކޮށް ޝާއިޢުކުރެވޭތޯ ބަލައި ކަށަވަރުކުރުން.
  22. ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގެ ތެރެއިން، މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް އެދޭ މައްސަލަތަކުގެ ރިޕޯޓު އެކަށީގެންވާ އަވަސްމިނެއްގައި ދޫކުރެވޭތޯ ބަލައި ކަށަވަރުކުރުން.
  23. ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ވަޒީފާއާބެހޭ މައްސަލަތަކުން ޤާއިމުކުރެވޭ ޕްރިސީޑެންޓްތަކާއި، ޓްރައިބިއުނަލަށް މުހިއްމު އެހެނިހެން ޕްރިސީޑެންޓްތައް ރަޖިސްޓްރަރގެ އިރުޝާދުގެ ދަށުން ރެކޯޑުކޮށް ބެލެހެއްޓުމާއި، އެފަދަ ޕްރިސީޑެންޓްތަކުގެ މަޢުލޫމާތު ޓްރައިބިއުނަލުގެ މެންބަރުންނަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
  24. ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގެ ތެރެއިން އެކި ބާވަތުގެ މައްސަލަތައް ރަޖިސްޓްރަރގެ އިރުޝާދުގެ ދަށުން ކެޓަގަރައިޒްކޮށް ރެކޯޑުކޮށް ބެލެހެއްޓުމާއި، އެފަދަ މައްސަލަތަކުގެ މައުލޫމާތު ޓްރައިބިއުނަލުގެ މެންބަރުންނަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން
  25. ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގެ މާސްޓަރ ފައިލްތަކާއި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓުތައް ގަވައިދުން ފައިލްކުރެވެމުންދޭތޯ ބަލައި ކަށަވަރުކުރުން.
  26. ޓްރައިބިއުނަލްގައި ބާއްވާ އަޑުއެހުންތަކުގެ ރެކޯޑިންގތަކާއި، ޓްރައިބިއުނަލުން ނިންމާ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ހިމެނޭ ފޯލްޑަރތަކާއި، މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ ސްކޭނާއި ސޮފްޓް ކޮޕީ ގަވާއިދުން އާރކައިވް ކުރެވެމުންދޭތޯ ބަލައި ކަށަވަރުކުރުން.
  27. ޓްރައިބިއުނަލުގެ ރިޔާސަތުގެ އިރުޝާދާ އެއްގޮތަށް ޓްރައިބިއުނަލުގެ މަސައްކަތްތަކާ ގުޅޭގޮތުން ހަދަންޖެހޭ ޤަވާއިދުތަކާއި އުޞޫލުތައް ހަދައި، އިސްލާޙު ކުރަންޖެހޭ ޤަވާއިދުތަކާއި އުޞޫލުތައް އިސްލާޙުކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޢާންމު މަޖިލީހުން ފާސްކުރާ ގޮތުގެމަތިން އެ ގަވާއިދުތަކާއި އުޞޫލުތައް ޓްރައިބިއުނަލްގައި ތަންފީޒުވެގެންދާކަން ކަށަވަރުކުރުން.
  28. ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގައާއި، ހުށަހެޅޭ މައްސަލަތަކުގައި ޢަމަލުކުރުމަށް ހަމަޖެހިފައި އޮންނަ އުޞޫލުތައް އާންމުންނަށް ހާމަކުރަމުން ގެންދެވޭތޯ ބަލައި ކަށަވަރުކުރުން.
  29. ޓްރައިބިއުނަލުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެހައި ފޯމުތަކާއި، ޓްރައިބިއުނަލުގެ ލީގަލް ސެކްޝަންގެ މަސައްކަތްތަކަށް ބޭނުންވާ އެންމެހައި ފޯމުތައް ތައްޔާރުކޮށް އިޞްލާޙުކުރުމާއި، އެ ފޯމުތައް ޢާންމުކުރެވޭކަން ކަށަވަރުކުރުން.
  30. ސަރުކާރަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތުގެ ތެރެއިން، ޓްރައިބިއުނަލުގެ ލީގަލް ސެކްޝަނުން ދޭންޖެހޭ މަޢުލޫމާތުތައް ޓްރައިބިއުނަލުގެ ރިޔާސަތާ ހަވާލުވެހުރި ފަރާތެއްގެ އިރުޝާދާ އެއްގޮތަށް ތައްޔާރުކޮށް ފޮނުވުން.
  31. ވަޒީފާއާބެހޭ ގާނޫނާއި، ޓްރައިބިއުނަލުގެ ޤަވާއިދާއި، ޓްރައިބިއުނަލުގެ މުވައްޒަފުންގެ ޤަވާއިދު ތަންފީޒުކުރުމާއި، އެއަށް ޓްރައިބިއުނަލުގެ މުވައްޒަފުން އަމަލުކުރާކަން ކަށަވަރު ކުރުމާއި، އެ ކަންކަމުގައި މުވައްޒަފުން ޖަވާބުދާރީ ކުރުވުން.
  32. ޓްރައިބިއުނަލުގެ ލީގަލް ސެކްޝަންގެ މަސައްކަތް ހިނގާ ނުހިގާގޮތް ބަލައި، ސެކްޝަންގެ މަސައްކަތްތައް އަވަސްކުރުމަށް އެޅޭނެ ތަފާތު ފިޔަވަޅުތައް ފާހަގަކޮށް، ޓްރައިބިއުނަލުގެ ރިޔާސަތާއި ހަވާލުވެހުރި ފަރާތެއްގެ އިރުޝާދާ އެއްގޮތަށް އެ ފިޔަވަޅުތައް އެޅުން.
  33. ޓްރައިބިއުނަލުގެ ލީގަލް ސެކްޝަންގެ މުވައްޒަފުންގެ ތެރެއިން އަލަށް ވަޒީފާއާގުޅޭ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ތަމްރީނާއި އިރުޝާދުތައް ދެވެމުންދޭތޯ ބަލައި ކަށަވަރުކުރުން.
  34. ޓްރައިބިއުނަލުގެ ލީގަލް ސެކްޝަންގެ މުވައްޒަފުން ޗުއްޓީއަށް ދިއުމުގެ ކުރިންނާއި، ވަޒީފާއިން ވަކިވުމުގެ ކުރިން، އެ މުވައްޒަފުންގެ މަސައްކަތްތައް ހޭންޑްއޯވަރ ކުރެވޭތޯ ބަލައި ކަށަވަރުކުރުން.
  35. ޓްރައިބިއުނަލުން ނިންމާ މައްސަލަތަކާއި، ޓްރައިބިއުނަލްގައި ހިންގަމުންދާ މައްސަލަތަކާއި، ޓްރައިބިއުނަލުގެ ލީގަލް ސެކްޝަންގެ އެހެނިހެން މަސައްކަތަކާ ގުޅިގެން ހުށަހެޅޭ އިދާރީ ސިޓީތަކަށް އެކަށީގެންވާ މުއްދަތެއް ތެރޭ ޖަވާބުދެވޭކަމާއި، އެފަދަ ސިޓީތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ އަވަސްމިނެއްގައި އެޅިގެންދާކަން ކަށަވަރުކުރުން.
  36. ޓްރައިބިއުނަލުގެ ލީގަލް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލައި ސުޕަރވައިޒްކުރުން.
  37. ޓްރައިބިއުނަލުގެ ލީގަލް ސެކްޝަންގެ މުވައްޒަފުންގެ ވަޒީފާ ބަޔާން އެކުލަވާލުމުގައާއި، ވަޒީފާ ބަޔާނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ޓްރައިބިއުނަލުގެ ރިޔާސަތަށާއި ކަމާބެހޭ ސެކްޝަނަށް ލަފާދިނުން.
  38. ޓްރައިބިއުނަލްގައި ވަޒީފާ އަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ މުވައްޒަފުން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތްކުރުން.
  39. ޓްރައިބިއުނަލުގެ މަސައްކަތުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރުރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްޤީގެ ޕްލޭންތައް، އަދި ހިނދުން ހިނދަށް ބޭނުންވާ ސްޓްރެޓީޖިކް ޕްލޭންތައް، އަދި އެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލު އެކުލަވާލައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޢާންމު މަޖިލީހުން ފާސްކުރާ ގޮތުގެމަތިން އެކަންކަން ތަންފީޒުކޮށް ހިންގައި ބެލެހެއްޓުން.
  40. ޓްރައިބިއުނަލުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރަޖިސްޓްރާރއަށް ފާހަގަކުރެވޭ މަސައްކަތްތައް ކުރުމާއި، މިފަދަ މަސައްކަތްތަކުގެ ތެރެއިން ޓްރައިބިއުނަލުގެ ރިޔާސަތާ ހަވާލުވެހުރި ފަރާތެއްގެ ލަފަޔާ އިރުޝާދު ބޭނުންވާ ކަންކަމުގައި އެ ލަފަޔާ އިރުޝާދާ އެއްގޮތަށް އެކަންކަން ކުރުން.
  41. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދުގައާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޢާންމު މަޖިލީހުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާ ޒިންމާތައް އަދާކުރުން.
  42. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ އިތުރުން ޓްރައިބިއުނަލުން ހިންގަންޖެހޭ ޚާއްސަ ބޮޑެތި ކަންތައްތަކުގައާއި ޢާންމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި ކަންތައްތަކުގައި އެހީތެރިވެދިނުމަށް ޓްރައިބިއުނަލުގެ ރިޔާސަތުން އަންގަވާ ގޮތެއްގެ މަތިން މަސައްކަތްކުރުން.

 ފެންވަރު ނުވަތަ ޝަރުތު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތު ކޮށްދިނުމާއެކު، ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލް ކުރެއްވުމަށްފަހު ހިންގުމުގެ ދާއިރާގައި މަދުވެގެން 1 އަހަރުގެ ތަޖުރިބާ ނުވަތަ،

ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރެއްވުމަށްފަހު ޤާނޫނީ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން.                     

 މަޤާމް:ޕޮލިސީ އެންޑް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް

މަޤާމުގެ ބާވަތް:  ދާއިމީ

އަދަދު:  01

މުސާރަ: -/10,500ރުފިޔާ

ޢިނާޔަތް:

    ސަރވިސް އެލަވަންސް: -/2000ރުފިޔާ

    ނޮން-ޕްރެކްޓިސް އެލަވަންސް:  މުސާރައިގެ %45

މަޤާމުގެ މަސްއޫލިއްޔަތު:  

  1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޤަވާއިދާއި އެއްގޮތަށް ޓްރައިބިއުނަލުގެ އިދާރީ އަދި ފައިސާއާބެހޭ ކަންތައްތައް ރާވާ ހިންގުން.
  2. ޓްރައިބިއުނަލަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދައި ތަރައްޤީކޮށް އެންމެ ހެޔޮގޮތުގައި ބޭނުން ހިފުން.
  3.  ސަރުކާރަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ޓްރައިބިއުނަލުގެ ރިޔާސަތާ ހަވާލުވެހުރި ފަރާތެއްގެ އިރުޝާދާ އެއްގޮތަށް ތައްޔާރުކޮށް ފޮނުވުން.
  4. ޓްރައިބިއުނަލުގެ މަސައްކަތުގެ ކުރިއެރުމާއި ތަރައްޤީއަށް ބޭނުންވާ ޕްލޭންތައް އެކުލަވައި ތަންފީޒުކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  5. ޓްރައިބިއުނަލުގެ އެކިއެކި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށާއި ޚިދުމަތް ދޭ ފަރާތްތަކަށް ފަސޭހަ، ލުއި، އަވަސް، ޚަރަދު ކުޑަ ގޮތްތައް ހޯދައި ތައާރަފްކޮށް އެކަން އިތުރަށް ކުރިއަރުވަން މަސައްކަތްކުރަމުން ގެންދިއުން އަދި އެ ކަންކަން އެގޮތަށް ކުރުމަށް ބޭނުންވާ، މަގުފަހިކުރާ، ގައިޑްލައިންތަކާއި، އުސޫލުތައް އެކުލަވައި ހާމަކޮށް، އެކަންކަން ކުރެވޭނެ ގޮތްތައް ހޯދައި ކުރިއަރުވަމުން ގެންދިއުން.
  6. ޓްރައިބިއުނަލުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޓްރައިބިއުނަލުގެ މުވައްޒަފުން އަމަލުކުރާނެ ގޮތްތައް ރާވައި އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގައިޑްލައިންތައް ހަދައި އެއަށް ޢަމަލުކުރެވޭކަން ޔަޤީންކުރުން.   
  7. ތަމްރީނުގެ ކަންތައްތައްދަނީ ޓްރެއިނިންގ ޕޮލިސީއާއި، ވަޒީފާއާބެހޭ ޤާނޫނާއި އަދި ސަރުކާރުގެ މުވައްޒަފުން ތަމްރީނުކުރުމާއި ބޮންޑްކުރުމުގެ ޤާނޫނާ އެއްގޮތަށްކަން ޔަޤީންކުރުން.
  8. ޓްރައިބިއުނަލުގެ މުވައްޒަފުންނާއި މެންބަރުން މަސައްކަތްކުރާ މާހައުލަކީ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ މިންގަނޑުތަކާއި އެއްގޮތަށް ރޭވިފައިވާ ތަނެއްތޯ ޔަޤީންކުރުން.
  9. ޙަވާލުކުރެވޭ ބައްދަލުވުންތަކުގެ ސެކްރެޓޭރިއެޓް، ޓްރައިބިއުނަލުގެ ރިޔާސަތާއި ހަވާލުވެ ހުރި ފަރާތެއްގެ އިރުޝާދާއި އެއްގޮތަށް ބެލެހެއްޓެވުން.
  10. މުވައްޒަފުންގެ މުސާރަޔާއި، ޢިނާޔަތްތަކާއި، މުސާރައިގެ ކުރިއެރުން ދިނުމުގެ އެންމެހާ ކަންތައްތައް ހަމަޖެހިފައިވާ ގަވާއިދާއި އެއްގޮތަށް ކުރިއަށް ގެންދިޔުން.
  11. މުވައްޒަފުން ވަޒީފާގައި ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ އެހެންވެސް ކަމަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި އެނޫންވެސް މުވައްޒަފުންނަށް ދިމާވާ އެކިކަހަލަ ކަންކަމާއި މައްސަލަތައް ހައްލުކުރުމުގައި ރިޔާސަތަށް އެހީތެރިކަން ދިނުން.  
  12. ޓްރައިބިއުނަލުގެ ޔައުމިއްޔާތައް ގަވާއިދާއި އެއްގޮތަށް ލިޔެވޭކަން ޔަޤީންކުރުން.
  13. ތަނަށް އަންނަ ސިޓީ، ނޯޓް، ފަދަ ތަކެތި އެންޓްރީކޮށް ހަމަޖެހިފައިވާ ގަވާއިދުގެ މަތިން ލަސްނުކޮށް ސެކްޝަންތަކާއި ޙަވާލުކޮށް ސޮއި ހޯދުމުގެ ކަންތައްތައް ކުރަމުން ގެންދޭތޯ ބެލުމާއި ޑިސްޕެޗަށް ގެނެވިފައިވާ ތަކެތި ޤަވާޢިދުން ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރެވޭކަން ޔަގީންކުރުން.
  14. ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ ދަށުން ހިންގަންޖެހޭ މާލީ އެންމެހައި ކަންތައްތަކާއި ހިސާބުކިތާބު ބެލެހެއްޓުމުގެ ކަންތައްތަކާއި މާލީ ހިސާބުތައް ތައްޔާރުކޮށް، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  15. ޓްރައިބިއުނަލުގެ އިސްވެރިންގެ ލަފާގެ މަތީން ކޮންމެ އަހަރެއްގެވެސް އަހަރީ ރިޕޯރޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ތާރީޚްގެ ކުރީން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވޭކަން ޔަޤީންކުރުން.
  16. ޓްރައިބިއުނަލުގެ ފައިސާއާބެހޭގޮތުން ދިގުމުއްދަތުގެ އަދި ކުރުމުއްދަތަށް ރާވަންޖެހޭ ކަންތައްތައް ރޭވުމާއި، އެފަދަ ރޭވުންތައް ކާމިޔާބުކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައެޅުމާއި، އެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަނޑައަޅާ އެކަންތައްތައް މުވައްޒަފުން ލައްވާ ކުރުވުން.               
  17. ފައިސާއާގުޅޭ ކަންތައްތަކުގައި އަދި މުވައްޒަފުންނާބެހޭ ކަންތައްތަކުގައި ޓްރައިބިއުނަލަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން.
  18. އަހަރީ ބަޖެޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދާ ކަނޑައަޅާފައިވާ ތާރީޚަށް ބަޖެޓް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  19. ފައިސާއާބެހޭ ރެކޯރޑްތައް އެންމެ ރަނގަޅުގޮތެއްގައި ބަލަހައްޓަމުން ގެންދޭތޯ ބަލައި ޔަގީންކުރުން، މިގޮތުން ދައުލަތު މާލިއްޔަތާބެހޭ ގަވާއިދާއި އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކަނޑައަޅުއްވާ އުޞޫލުތަކާ އެއްގޮތަށް ޓްރައިބިއުނަލުގެ ފައިސާއާބެހޭ ކަންކަން ރާވައި ހިންގުން.
  20. ކޮންމެ އަހަރެއްގެ އަހަރީ ހިސާބުތައް ކަނޑައެޅިފައިވާ ތާރީޚަށް ނިންމާ އޮޑިޓަރ ޖެނެރަލް އޮފީހަށް ހުށަހެޅުން.
  21. ޓްރައިބިއުނަލުގެ ފައިސާއާބެހޭ ކަންތައްތަކުގައި އޮޑިޓަރުންގެ ފަރާތުން ހުށަހެޅޭ މައްސަލަތަކަށް ޖަވާބުދާރީވުމާއި، އެކަންތައްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި މިފަދަ މައްސަލަތަކާއި ގުޅިގެން ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުން.
  22. ޓްރައިބިއުނަލުގެ ޚަރަދުތައް ހިނގާނުހިނގާގޮތް ބެލުމާއި، ޚަރަދުތައް ބޮޑުވަމުންދާނަމަ އެކަންތައްތަކާއި ގުޅިގެން  އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.  
  23. މުވައްޒަފުންގެ މުސާރައިގެ ކަންތައްތައް ރަނގަޅަށް ބެލެހެއްޓުމާއި، މުސާރަ ދޭންޖެހޭ މުއްދަތަށް ދޭތޯބެލުމާއި އަދި ދެވެނީ ރަގަޅަށްކަން ކަށަވަރުކުރުން.
  24. ޓްރައިބިއުނަލްގައި ވަޒީފާ އަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމާއި އަދި މުވައްޒަފުން މަސައްކަތުގައި އިސްނެގުމުގެ ރޫޙާއި މަސައްކަތުގެ ހިތްވަރާއި ފޯރި އިތުރުކުރެވޭނޭ ޙަރަކާތްތައް އިންތިޒާމް ކުރެވޭކަން ކަށަވަރުކުރުން.
  25. ޓްރައިބިއުނަލުގެ މާލީ ޒިންމާދާރު ވެރިޔާގެ މަޞްއޫލިއްޔަތު އަދާކުރުން.
  26. ޓްރައިބިއުނަލުގެ ފަރާތުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  27. ޓްރައިބިއުނަލުގެ ފަރާތުން ހިންގާ އެވެއަރނެސް ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  28. ސުޕަވައިޒްކުރާ މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލް ހެދުން.
  29. ޙަވާލުކުރެވޭ ގޮތެއްގެމަތިން މި ޓްރައިބިއުނަލުގެ ކޮމިޓީތަކުގައި މަސައްކަތްކުރުން.
  30. ޓްރައިބިއުނަލުގެ މަސައްކަތާއި ގުޅިގެން ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ދާންޖެހޭ ޙާލަތްތަކުގައި އެފަދަ ދަތުރުތަކުގައި ބައިވެރިވުން.
  31. މަތީގައި ބުނެވިދިޔަ މަސައްކަތްތަކުގެ އިތުރުން ޓްރައިބިއުނަލުގެ މަސައްކަތްތަކާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމާއި ޓްރައިބިއުނަލުން ހިންގަންޖެހޭ ޚާއްސަ ބޮޑެތި ކަންތައްތަކުގައާއި ކުއްލިގޮތުގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި އެހީތެރިވެދިނުމާއި އަދި ޓްރައިބިއުނަލުން ހިންގާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވާން ޖެހިއްޖެނަމަ ބައިވެރިވާންވާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު: 

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޑިގްރީ ޙާޞިލް ކުރައްވާފައިވުމާއިއެކު، ސަރުކާރުގެ އޮފީހެއްގެ އިދާރީ ހިންގުމުގެ މަސައްކަތް އަދި ފައިސާއާގުޅޭ އެންމެހާ ކަންތައްތައް، އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ހިންގުމުގެ ދާއިރާއިން ޑިގްރީ ޙާޞިލް ކުރައްވާފައިވުމަށްފަހު، ސަރުކާރުގެ އޮފީހެއްގެ އިދާރީ ހިންގުމުގެ މަސައްކަތް އަދި ފައިސާއާގުޅޭ އެންމެހާ ކަންތައްތައް، އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ހިންގުމުގެ ދާއިރާއިން ނުވަތަ ފައިނޭންސް ދާއިރާއިން ޑިޕްލޮމާއެއް ޙާޞިލް ކުރެއްވުމަށްފަހު ސަރުކާރުގެ އޮފީހެއްގެ އިދާރީ ހިންގުމުގެ މަސައްކަތް އަދި ފައިސާއާގުޅޭ އެންމެހާ ކަންތައްތައް، އިސްވެރިއެއްގެ ޙައިޞިއްޔަތުން ރާވައި ބެލެހެއްޓުމުގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވުން.
  4. އެއްވެސް އިރެއްގައި ޚިޔާނާތާއި، ވައްކަމާއި، ޓެކުމާއި މިބާވަތުގެ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ބާވަތް:   ދާއިމީ

ޢަދަދު: 01

މުސާރަ: -/6295ރުފިޔާ

ޢިނާޔަތް:-         

     ސަރވިސް އެލަވަންސް:  -/2000ރުފިޔާ

     ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45

މަޤާމުގެ މަސްއޫލިއްޔަތު:

  1. ރިސެޕްޝަނުން ދޭންޖެހޭ އެންމެހާ ޚިދުމަތްތައް ޓްރައިބިއުނަލުގެ ޤަވާޢިދުތަކާއި ޕްރޮސީޖަރތަކާ އެއްގޮތަށް ދިނުން.
  2. ފޯންކޯލްތަކަށް ޖަވާބު ދިނުމާއި، ރިސެޕްޝަނަށް އަންނަ މީހުންނަށް އެޓެންޑްވުން.
  3. ސިޓީތަކާ ލިޔުންތައް ބަލައިގަނެ އެންޓްރީކުރުން.
  4. ޑިސްޕެޗްކުރުމަށް ގެނެވޭ އަމުރުތަކާއި ލިޔުންތައް ޑިސްޕެޗްކުރުމަށް ޕިއޯނުންނާއި ހަވާލުކުރުން އަދި އަވަހަށް ފޮނުވަންޖެހޭ ލިޔުންތައް އަވަހަށް ފޮނުވުމަށް އިސްކަންދިނުން.
  5. އެކި ކަންކަމާއި ގުޅިގެން ބަލައިގަންނަ ފައިސާ ރަސީދު ހަދާ ބަލައިގަނެ ކޮންމެ ދުވަހެއްގެ ވެސް އޮފީސް ބަންދުވުމުގެ ކުރީން ފައިނޭންސް އޮފިސަރަށް ހަވާލުކުރުން.
  6. ޓްރާންސްޕޯރޓް ފޯރމް ބަލައިގަތުމަށްފަހު ޗެކްކުރުން.
  7. އޮފީހަށް ގަންނަން ބޭނުންވާ ތަކެއްޗާއި ހޯދަންޖެހޭ ހުރިހާ ޚިދުމަތެއް ހޯދުމުގެ ކަންތައްތައް މާލިއްޔަތު ޤާނޫނާއި، ޤަވާޢިދާ އެއްގޮތަށް ކުރުން.
  8. އޮފީހަށް ގަންނަ މުދާ ސިސްޓަމުން ރިސީވްކުރުން.
  9. ޑިޕާރޓްމެންޓްތަކަށް ބޭނުންވާ ތަކެތި ހޯދަން އެދުމުން އެމަސައްކަތްތައް ޕްރޮކިއުމެންޓް ޕްރޮސީޖަރއާއި އެއްގޮތަށް ކުރިއަށް ގެންދިއުން.
  10. ސޮޓްކޮ ބެލެހެއްޓުން.
  11. ހަރުމުދަލުގެ ލިސްޓް އަޕްޑޭޓްކޮށް މުދަލުގައި ޖަހަންޖެހޭ އިންވެންޓްރީ ނަންބަރު ޖަހާ ބެލެހެއްޓުން.
  12. އެކިފަރާތްތަކާއި ޙަވާލުކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޢިޢުލާނުކުރުމާއި، މަޢުލޫމާތު ދިނުން އަދި ޕްރޮޕޯސަލް ބަލައިގަނެ މާލިއްޔާތު ޤަވާޢިދާ އެއްގޮތަށް ޕްރޮސެސް ކުރުން.
  13. ބިޑް ޕްރޮސެސް ކުރުމަށްޓަކައި އިވެލުއެޓްކުރުމަށްފަހު ޚަރަދު ކޮމިޓީއަށް ގެންދިއުމަށް ތައްޔާރުކުރުން.
  14. މުދާ އަދި ޚިދުމަތްލިބުމުން އެލިބުނު މުދަލަކީ ނުވަތަ ޚިދުމަތަކީ ޓްރައިބިއުނަލްއާއި އެޚިދުމަތް ދިން ފަރާތާއި ދެމެދު ކުރެވިފައިވާ އެގްރީމެންޓްގައިވާ ގޮތަށް ކޮށްފައިވާ މަސައްކަތެއްތޯ ބެލުން އަދި އެލިބުނު މުދަލަކީ ޕާޗޭސް އޯޑަރގައިވާ ސްޕެސިފިކޭޝަނާއި އެއްގޮތް މުދާތޯ ޔަގީންކުރުން.
  15. ދިގުމުއްދަތަށް ދެމިގެންދާ އެގްރީމެންޓްތަކުގެ ދަށުން ކުރާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި މިފަދަ މަސައްކަތްތައް ކުރުމަށް އެގްރީމެންޓްކުރެވޭ ފަރާތްތަކުން މަސައްކަތްތައް އެގްރީމެންޓާއި އެއްގޮތަށް ނުކުރާނަމަ އިދާރީ ވެރިއެއްގެ ސަމާލުކަމަށް ގެނެސް އެފަރާތްތަކާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  16. އައިޓީއާއި ގުޅޭ ހުރިހާ މުދަލެއް ހޯދުމުގައިވެސް އައިޓީ އޮފިސަރުންގެ އެޕްރޫވް ހޯދުމަށް ފަހު އިދާރީ ވެރިޔާގެ ލަފައާއެކު ޕްރޮސެސްކުރުން.
  17. އޮފީހުގެ މުދަލުގެ ތެރެއިން ބާވެގެން ނުވަތަ ހަލާކުވެގެން އަދި އެނޫންވެސް ސަބަބަކާހެދި ނީލަން ކިޔަންޖެހޭ ކަމަށް ފެންނަތަކެތި ނީލަން ކިއުމުގެ މަސައްކަތްކުރުން.
  18. އޮފީސް ޢިމާރާތުގެ އިންފްރާންސްޓްރަކްޗަރއަށް ދިމާވާ މައްސަލަތައް ޢިމާރާތް ކުއްޔައް ދިނުމުގެ އެގްރީމެންޓާއި އެއްގޮތަށް މަރާމާތުކުރުމުގެ ކަންތައްތައް ކުރުން.
  19. އޮފީހުގެ ފަރނިޗަރ، ފިކްސްޗަރ އަދި އެނޫން ތަކެއްޗަށްލިބޭ ގެއްލުން ބަލާ އެގެއްލުމަކީ މުވައްޒަފެއްގެ އިހުމާލުން ދިމާވިކަމެއްނަމަ އެކަން ބެލުމަށް އިދާރީގޮތުން އަންގަންޖެހޭ ފަރާތްތަކަށް އެނގުމާއި އެފަދަ ތަކެތި މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  20. އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތްތައް އެގްރީމެންޓްގައިވާ ގޮތަށް ކުރިއަށް ދޭތޯބެލުމާއި އޭގެ އިތުރުންވެސް އޮފީހުގެ ހުރިހާ ތަންތަން ސާފުކޮށް ބެހެއްޓުމަށް މަސައްކަތްކުރުން.
  21. އޮފީހުގެ ދޮރުފޮތިތަކައި، ސޯފާގެ ފޮތިތައް އަހަރަކު އެއްފަހަރު ލޯންޑްރީއަކަށް ފޮނުވައިގެން ދޮވުން.
  22. މެމްބަރުންގެ ކޮޓަރިތައް ކޮންމެ ދުވަހަކު ސާފުކުރޭތޯ ބެލުމާއި މެމްބަރުންނަށް އަދި މުވައްޒަފުންނަށް ބޭނުންވާ ފެން ހުސްނުކޮށް ލިބޭނެގޮތް ހަމަޖެއްސުން.
  23. ޓްރައިބިއުނަލުން ކުރަންޖެހޭ ދަތުރުތައް އެރޭންޖްކުރުމާއި ލޮޖިސްޓިކްސް ހަމަޖެއްސުން.
  24. ރިސެޕްޝަންގައި ކުރަންޖެހޭ މަސައްކަތް ކުރުން.
  25. ފައިނޭންސް އޮފިސަރގެ ހިދުމަތް ނުލިބޭ ޙާލަތްތަކުގައި ފައިނޭންސް އޮފިސަރގެ މަސައްކަތް ކުރުން.
  26. އިދާރިގޮތުން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުތު: 

1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، ނުވަތަ

2. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 5 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، މަސައްކަތުގެ  ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 އެހެނިހެން:

    • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
    • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން. 
    • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށް ވާންވާނެއެވެ.
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ އެހެނިހެން ގަޑިތަކުގައި މަސައްކަތުގައި އުޅުވޭނެ މީހަކުކަމުގައިވުން.

 ނޯޓް: މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައިވީ ނަމަވެސް، ޝަރުތުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ.

 މަސައްކަތްކުރަންޖެހޭތަން: މިމަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 29 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން މި ޓްރައިބިއުނަލުގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ޓްރައިބިއުނަލުގެ އީމެއިލު ([email protected]) މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އަދި  އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި އެޓޭޗްކުރެވިފައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ
  • ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

 މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން.

  • މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.
  • މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

 މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލުގެ ނަންބަރު 3027801 އަށް ގުޅުއްވުން އެދެމެވެ.

22 އޭޕްރިލް 2021
ހޯދާ