މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން އެޅުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން އެޅުމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޑިޒައިން އެންޑް ބިލްޑް އުސޫލުން މިރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް 25 ފެބްރުއަރީ 2021 ގައި މާރކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި 20(ވިހި) މަސްދުވަގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަވާލުކުރެވިފައެވެ. މި މަޝްރޫއުއަކީ މުޅި ރަށުގެ ހުރިހާ ފަރާތްތަކަށް އަމާޒުކުރެވިގެން ފެނުގެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން ކުރެވޭ މަސައްކަތަކަށްވެފައި، މި މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބޭނުން ވެއެވެ.

މި މަޝްރޫޢުގެ ޢަމަލީ ބައެއް މަސައްކަތްތައް ކުރުމަށް މިހާރުވަނީ ފަށާފައެވެ. މިހެންކަމުން މި މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަން ގޭގެއަށް ގުޅައިދިމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހެއެވެ. އެޕްލިކޭޝަން ފޯމު ހުށަހެޅުމާއި، ބަލައިގަތުމުގައި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރަން ޖެހެނީ މި ކަމަށްޓަކައި މިހާރު ޢަމަލު ކުރެވެމުންދާ ޤަވާޢިދު ނަންބަރު 2020/R-10 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާ ޚިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާއާއި އެއްގޮތަށެވެ. އަދި ފީއަކާނުލާ ފެން މީޓަރާއި ނަރުދަމާގެ ޖަންކްޝަން (ކެޗްޕިޓް) ގުޅައިދިނުމުގައި ބެލެވޭނީ މިޤަވާއިދުގެ 6 ވަނަ ނަމްބަރާއި، 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ މައްޗަށެވެ. ފޯމު ބަލައިގަތުމާއި، ލިސްޓް ފައިނަލް ކުރުމުގައި ، އަދި ކަނެކްޝަންގެ އަދަދު ނިންމުމުގައިވެސް ޢަމަލު ކުރާނީ މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.   

ވީމާ، މި ޤަވާއިދާއި އެއްގޮތަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު 29 މާރޗް 2021 ން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތަށް 31 މެއި 2021 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ފޯމު ހުށަހެޅުމަށް ގެތަކުގެ ވެރިފަރާތްތަކުން ސަމާލުކަށް ދެއްވުމަށް ދަންނަވަމެވެ. އަދި ފޯމު ފުރުމުގައި އެއްވެސް އެހީތެރިކަމަށް ބޭނުން ފުޅުވާނަމަ މި އިދާރާގެ ނަންބަރު 4009835 ނުވަތަ 4009831 ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ފޯމު މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ ވެބްސައިޓް www.mci.gov.mv  ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ.  

                  16 ޝަޢުބާން 1442

29 މާރިޗު 2021
ހޯދާ