އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުފާރާއި އިންފާރު ތަޅާލުމާއި ޢިމާރާތްކުރުމުގެ ކުރިން ހުއްދަ ނެގުމުއި ގުޅޭ

އިޢުލާން

އައްޑޫ ސިޓީ އަވަށްތަކުގެ ގޯތިތަކުގެ އިމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވެއެވެ. އައްޑޫގެ ގިނަ ގޯތިތަކަކީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އައުމުގެ ކުރިން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކެކެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ފަހުގެ ވަޞީލަތްތައް ބޭނުންކޮށްގެން މިން އަޅާއިރު ކުރިން ހަދާދީފައިވާ ގޯތީގެ ރަޖިސްޓަރީތަކުގައިވާ ގޯތީގެ މިންތަކަށް އުނިއިތުރު އަންނަކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން ކައުންސިލުން ދައްކާފައިވާ އިންތަކައްވުރެ ބޭރުން ބައެއް ފަރާތްތަކުން އިންފާރު ރާނައި ގަވާއިދާއި ޚިލާފަށް ޢިމާރާތްކުރުމުގެ މަސައްކަތްކުރަމުން ގެންދާކަން ވެސް ފާހަގަކުރެވިފައިވެއެވެ. ޤަވާއިދު ނަންބަރު 2019/R-986 (މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ގަވާއިދު) ގައިވާ ގޮތުން ގޯއްޗެއް ނުވަތަ ބިމެއްގެ އެއްވެސް އިމެއްގައި ފާރު ރާނަންވާނީ ކައުންސިލުން ހުއްދަ ލިބިގެންނެވެ. އަދި ގޯއްޗެއް ނުވަތަ ބިމެއްގެ އެއްވެސް އިމެއްގައި ރާނާފައިވާ ފާރެއް ތަޅައިލަންވާނީ ނުވަތަ ފުޅަފެއް ނަގަންވާނީ ކައުންސިލްގެ ހުއްދަ ލިބިގެންނެވެ. އެހެންކަމުން މީހަކަށް ދޫކޮށްފައިވާ ބިމެއްގައި އިންފާރު ރޭނުމުގެ ކުރިން، އަދި ރާނާފައިވާ އިންފާރެއް ތަޅާލުމުގެ ކުރިން އެއަވަށެއްގެ އަވަށު އޮފީހުން ލިޔުމުން ހުއްދަ ހޯދުމަށް ދަންނަވަމެވެ.

މީގެ އިތުރުން، ޤަވާއިދު ނަންބަރު 2019/R-1004 (ޢިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު) ގެ  ދަށުން އިސްތިސްނާކޮށްފައިވާ ހާލަތްތައް ފިޔަވައި އެނޫން ހާލަތްތަކުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިމެއްގައި ނުވަތަ ކުއްޔަށް ދޫކޮށްފައިވާ ބިމެއްގައި ޢިމާރާތްކުރަންވާނީ ކައުންސިލްގެ އިދާރާގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައެވެ. އަދި އިންކައިރީގައި ފައުންޑޭޝަން އެޅުމަށް ދަނގަނޑު އަތުރައި ހެދުމަށްފަހު ފައުންޑޭޝަން އެޅުމުގެ ކުރިން އިމުގެ އެއްވެސް މައްސަލައެއް ހުރިތޯ ޗެކްކޮށް ބެލުމަށް އެދި އެއަވަށެއްގެ އަވަށު އޮފީހަށް ހުށަހަޅަންވާނެއެވެ. އެއްވެސް ޢިމާރާތެއް  ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދަންވާނީ ޢިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރާގޮތަށް އިމުން ފެށިގެން 750 (ހައްސަތޭކަ ފަންސާސް) މިލިމީޓަރު ހުންނަގޮތަށް ނުވަތަ ގަވާއިދުގައިވާ ގޮތަށެވެ.

މަތީގައި ދެންނެވުނު ގަވާއިދުތަކުގެ ދަށުން ކުރުމަށް ލާޒިމްކޮށްފައިވާ ކަމެއް ނުކޮށްފިނަމަ ނުވަތަ އެކަމަކަށް ނަގަންޖެހޭ ހުއްދައެއް ނުނަގާ އެފަދަ ކަމެއް ކޮށްފިނަމަ އެކަމުގެ ކުޑަބޮޑުމިނަށް ބަލައި ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތާކާމެދު ޢަމަލުކުރެވޭނެއެވެ. އަދި އެކަމަކުން އެހެންފަރާތަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަމެއްގެ ޒިންމާ އެކަންކުރި ފަރާތަކުން އުފުލަންވާނެއެވެ.

އިންފާރު ތަޅާލުމަށާއި، އިންމަތީގައި ރޭނުމަށް އަދި އެކަމާއި ގުޅޭ އެހެނިހެން ހުއްދަތައް ނެގުމަށް ހުށަހަޅަންޖެހޭ ފޯމު އައްޑޫ ސިޓީ ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިފޯމު ހުށަހަޅަންޖެހޭނީ އެއަވަށެއްގެ އަވަށު އޮފީހަށެވެ.

 

15 ޝައުބާން 1442

28 މާރިޗު 2021
ހޯދާ