މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

   މާލެ، ދިވެހިރާއްޖެ.   

ނަންބަރ (IUL)10-M/10/2021/31 :

 

އިޢުލާން

މޯލްޑިވްސް މީޑިއާ ކައުންސިލްގެމީޑިއާގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުން

ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރެއްގެ މުއްދަތު 2021 މާޗް  1  އަށް ހަމަވެފައިވާތީ، އެމަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބޭނުންވެއެވެ. މިކައުންސިލް އެކުލެވިގެންވަނީ  މީޑިއާގެ 7 (ހަތެއް) މެންބަރުންނާއި އާންމުންގެ 7 (ހަތެެއް) މެންބަރުން ހިމެނޭގޮތަށެވެ. ކައުންސިލަށް ހޮވޭ މެންބަރުންގެ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ. މީޑިއާ ތަމްސީލުކުރާ މެންބަރުކަމަށް ހުށައަޅާނީ މީޑިއާތަކުންނެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ.

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ބ) ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(އ) މުޖްތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުން.

(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

ވީމާ، މީޑިއާކައުންސިލްގެ މީޑިއާގެ މަގާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ މީޑިއާތަކުން، 05 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން، މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު  "ޖަދުވަލު 1: މީޑިއާ ކައުންސިލް އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްއަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް މިނިސްޓްރީގެ ވެބްސައިޓު https://www.gov.mv/MoHA ޑައުންލޯޑް ކުރެވޭނެއެވެ.

 

25 މާރިޗު 2021
ހޯދާ