މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރަށް ދަތުރުކުރި ފަރާތްތައް ކަރަންޓީންވުމަށް ހަނދާންކޮށްދިނުން

ރ.އުނގޫފާރުން މަޑުއްވަރިއަށް ދަތުރުކޮށްފައިވާ ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ މިރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. ނަމަވެސް 2 މާރޗުގެ ފަހުން އުނގޫފާރަށް ދަތުރު ކުރި ބައެއް ފަރާތްތަކުން ކަރަންޓީނު ނުވެ ރަށުތެރޭގައި އުޅެމުންދާކަމުގެ ޝަކުވާ ކައުންސިލަށް އަންނަނީ ލިބެމުންނެވެ. އަދި ކަރަންޓީނުވެފައިވާ ފަރާތްތައްވެސް، ގޭގައި ދިރިއުޅޭ އެހެން މީހުންނާއި އެކަހެރިނުވެ، އުޅެމުންދާކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ.

 އުނގޫފާރުން ދަތުރުކުރި ފަހުން 10 ދުވަސް ފުރިހަމަވެފައިވީނަމަވެސް، ސުންކު ނަގައި، ނަތީޖާ ނައްސިވުމާއި ހަމައަށް އެކަހެރިވެގެން ތިބުމަށް ދަންނަވަމެވެ. އަދި ކަރަންޓީނުގައި ތިބި ފަރާތްތައްވެސް ވީހާވެސް ބޮޑަށް ގޭގައި ދިރިއުޅޭ އެހެން މީހުންނާއި އެކަހެރިކޮށް ތިބުމަށް ދަންނަވަމެވެ. މީގެ އިތުރުން، މިމުއްދަތުގައި އުނގޫފާރުން ދަތުރުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޞިއްޙީ މަރުކަޒާއި ޙިއްސާ ނުކުރާ ފަރާތްތަކުން، ވީއެންމެ އަވަހަކަށް ޞިއްޙީ މަރުކަޒުގެ ނަންބަރު 7214669/6580394 އަށް ގުޅުއްވައި އެމަޢުލޫމާތު ޙިއްސާ ކޮށްދެއްވުމަށް ދަންނަވަމެވެ.

ކަރަންޓީނު ކުރުމާއި ސުންކު ނެގުމުގެ މަސައްކަތުގައި އުޅުއްވާ ގިނަ މުވައްޒަފުންތަކެއްވެސް އެކަހެރިކުރަން ޖެހުމާއި ގުޅިގެން، މިވަގުތު މިމަސައްކަތުގައި ހީވާގިކަމާއެކު އަވަދިނެތި އުޅުއްވަމުން ގެންދަވާ މަދު މުވައްޒަފުންނަށް ވީއެންމެ ފުރިހަމައަށް އެއްބާރުލުން ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި އެޗް.ޕީ.އޭ އާއި ޞިއްޙީ މަރުކަޒުގެ އެންގުންތަކާއި އިރުޝާދުތަކަށް ވީއެންމެ ފުރިހަމައަށް ތަބާވެ، އެއާއި އެއްގޮތަށް ޢަމަލުކުރުމަށް އެންމެހާ ރައްޔިތުންގެ އަރިހުން އާދޭހާއެކު ދަންނަވަމެވެ.

މިފަދަ ނުރައްކާތެރި ދަނޑިވަޅުގައި މިބަލިމަޑުކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ގިނަގިނައިން ދުޢާ ދެންނެވުމަށް އެންމެހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވާ ޙާލު، އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ.

24 މާރިޗު 2021

24 މާރިޗު 2021
ހޯދާ