މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރާއްޖޭގައި ހިންގާ މަޝްރޫޢޫތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ބޭރުގެ ފަރާތްތަކުން ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ޢަމަލުކުރުމަށް އެންގުން

ރާއްޖޭގައި ހިންގާ މަޝްރޫޢޫތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ބޭރުގެ ފަރާތްތަކުން ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ޢަމަލުކުރުމަށް އެންގުން

ދިވެހިރާއްޖޭގައި ބިދޭސީ ފަރާތްތަކަށް އިންވެސްޓްކުރެވޭނީ، ނުވަތަ އެއްވެސް ބާވަތެއްގެ ވިޔަފާރި ހަރަކާތެއް ހިންގޭނީ، ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 79/25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) ގެ ދަށުން ހުއްދަ މި މިނިސްޓްރީން ހޯދައި، ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުކަން، ބުނެވިދިޔަ ޤާނޫނުތަކުގައި ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ ދަށުން، ބިދޭސީ ފަރާތްތަކުން ދިވެހިރާއްޖޭގައި އިންވެސްޓުކުރުމުގެ ކުރިން، މި މިނިސްޓްރީގެ ހުއްދަ ހޯދުމަށް ލާޒިމުކޮށް، ހުއްދަ ދެވޭނެ ދާއިރާތައް ކަނޑައަޅައި، އެފްޑީއައި ޕޮލިސީ އެކުލަވާލައި، 11 ފެބްރުއަރީ 2020 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

ރާއްޖޭގައި މިހާތަނަށް ވިޔަފާރިކުރުމުގެ ހުއްދަ ދީފައިވާ ފޮރިން އިންވެސްޓަރުންގެ ތެރެއިން، ޞައްޙަ ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމެއް އޮތް ފޮރިން އިންވެސްޓަރުންގެ މަޢުލޫމާތު މި އިޢުލާނާއިއެކު، ޝާއިޢުކޮށްފައިވާނެއެވެ.

ދިވެހިރާއްޖޭގައި ހިންގޭ އެކިއެކި މަޝްރޫއުތައް ހިންގުމަށް ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކުން ކުރިމަތިލައި، ނުވަތަ އަމިއްލަ ފަރާތްތަކުގެ އެކިއެކި މަސައްކަތްތައް ހިންގުމަށް ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކާ ހަވާލުކުރެވި، އެފަދަ ކުންފުނިތަކުން ފޮރިން އިންވެސްޓްމަންޓް ހުއްދައަކާ ނުލައި، ނުވަތަ ފޮރިން އިންވެސްޓްމަންޓް ހުއްދައިގެ ދާއިރާގެ ބޭރުން ބައެއް ވިޔަފާރި ހަރަކާތްތައް ހިންގާ ކަމުގެ ޝަކުވާ މިމިނިސްޓްރީއަށް އަންނަނީ ލިބެމުންނެވެ.

ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓުގެ ދަށުން އިންވެސްޓުކުރުމުގެ ހުއްދަ އޮންނަ މުއްދަތުގައި، ރާއްޖޭގައި އިންވެސްޓުކުރުމަށް ނުވަތަ މަޝްރޫޢުއެއް ހިންގުމަށް ދީފައިވާ ހުއްދައިގައި ހިމެނޭ ވިޔަފާރި ޙަރަކާތް ފިޔަވައި، އެހެން އެއްވެސް ވިޔަފާރި ޙަރަކާތެއް ހިންގުމަކީ، ޤާނޫނު ނަންބަރު 79/25 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން މަނާކަމެކެވެ. އެފްޑީއައި ޕޮލިސީއާއި ޚިލާފަށް ހިންގާ ވިޔަފާރިތައް ޤާނުނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކޮށް، އެ ވިޔަފާރިއަކަށް މަސައްކަތް ޙަވާލުކުރި ފަރާތާއިމެދުވެސް ފިޔަވަޅު އެޅޭނެއެވެ.

އަދި، ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ހިންގާ ފަރާތަކުން، ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ޢަމަލެއްކޮށްފިނަމަ، ޤާނޫނާއި އެއްގޮތަށް ޢަމަލުކުރުމަށް މުއްދަތެއް ދީ، އިޞްލާޙުނުވެއްޖެނަމަ، އެ ފަރާތަކުން ކުރަމުން އައި ހުރިހާ މަސައްކަތެއް ހުއްޓާލުމަށް އަންގައި، އެގްރީމެންޓް ބާތިލުކުރެވޭނެއެވެ.

މި އިޢުލާނާއި އެކު ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ ކޮންމެ ފަރާތަކީވެސް، ވަކި މަސައްކަތަކަށް ނުވަތަ ވަކި މަޝްރޫޢޫއަކަށް ހުއްދަ ދީފައިވާ ފަރާތްތަކަކަށްވާތީ، ހުއްދަ ދީފައިވާ މަސައްކަތް ނުވަތަ މަޝްރޫޢު ނޫން އެހެން މަސައްކަތެއް ނުވަތަ މަޝްރޫޢުއަކާއި ހަވާލުވުމުގެ ކުރިން، މި މިނިސްޓްރީގެ ހުއްދަ ހޯދުމަށް ލާޒިމުވާނެއެވެ.

ރާއްޖޭގައި ހިންގާ ސަރުކާރުގެ މަޝްރޫޢޫތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކާއި، ޕްރައިވެޓް ސެކްޓަރ މަޝްރޫޢުތަކަށް ކުރިމަތިލާ ބޭރުގެ ފަރާތްތަކަށް މަޝްރޫޢު އެވޯޑު ކުރުމުގެ ކުރިން، އެ ފަރާތަކުން، އެފަދަ މަޝްރޫޢުއެއް ހިންގުމުގެ ހުއްދަ ހޯދުމަށް އެދި މި މިނިސްޓްރީއަށް ހުށަހެޅުމަށް ދަންނަވަމެވެ. މިގޮތުން، ހުއްދަ ހޯދުމަށް އެދި ހުށަހަޅާނީ، ފޮރިން އިންވެސްޓްމަންޓް އެޕްލިކޭޝަން މެދުވެރިކޮށެވެ.

 

މި އިޢުލާނުގައި ބަޔާންކުރާ ގޮތުގެ މަތިން، ހުއްދަ ނުހޯދައި، އެކިއެކި މަޝްރޫޢޫތައް ނުވަތަ ވިޔަފާރި ހަރަކާތްތައް ހިންގުމަށް ކުރިމަތިލާ ފަރާތްތައް ބެލްކެލިސްޓުކުރުމަށްފަހު، މި މިނިސްޓްރީގެ ވެސްބައިޓުގައި ޝައިޢުކުރާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް އެދޭނަމަ، 3333148 އަށް ގުޅުއްވުމަށް އެދެމެވެ.

             ‏26‏ ޖުމާދަލްއާޚިރާ‏ 1442

             ‏08‏ ފެބްރުއަރީ‏ 2021

08 ފެބުރުވަރީ 2021
ހޯދާ