މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ 'އައިލެންޑް ވޮއިސަސް' ހަރަކާތާގުޅޭ

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ (5 ޖޫން) ޝިއާރު، "ރެއިސް ޔޯރ ވޮއިސް، ނޮޓް ދަ ސީ ލެވަލް" އަދި ދިރޭތަކެތީގެ ނަސްލުތަކުގެ ބައިނަލްއަޤްވާމީ ދުވަހުގެ (22 މެއި) ޝިއާރު  "އައިލެންޑް ބަޔޯޑައިވާރސިޓީ" އަކީ ސީދާ ދިވެހިރާއްޖެއާ ގުޅުންހުރި ޝިއާރުތަކެކެވެ. މީގެ އިތުރުން މިއަހަރު ޚާއްޞަވެފައިވަނީ ބައިނަލް އަޤްވާމީ ކުދި ޖަޒީރާ ޤައުމުތަކުގެ އަހަރަށްކަމަށްވުމާއެކު އެކަމުގައި މިފަދަ އަހަރެއްގައި ރާއްޖެއަށް ބައިވެރިވެވެން އޮތް އެންމެ ފުރިހަމައަކަށް ބައިވެރިވުމަކީ ޤައުމީ ޒިންމާއެއް ކަމުގައި ދެކެމެވެ.

ކުދި ޤައުމުތަކުގެ އަޑު އުފުލުމަށް ފުރުސަތު ފުޅާވެފައިވާ މިއަހަރުގެ ތިމާވެށި ދުވަހުގައި ދިވެހި ޤައުމުގެއަޑު މުޅިދުނިޔެއަށް އިއްވުމުގެ ފުރުސަތު މިވަނީ ހުޅުވިފައެވެ. އެހެންކަމުން، ޤައުމީ އަދި ބައިނަލްއަޤްވާމީ މީޑިޔާގައި ދިވެހިންގެއަޑު، މި ޤައުމަށް މިއަދު ކުރިމަތިވެފައިވާ ތިމާވެށީގެ ޙާލަތު، ދިވެހިން ތަޙަންމަލް ކުރަމުން ގެންދާ ތިމާވެށީގެ ދަތި މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްޓަކައި ރައްޔިތުން އަޑު އުފުލުމަކީ މިއަދު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.

އެހެންކަމާއެކު، ކޮންމެ ދިވެއްސަކަށްވެސް ލިބިފައިމިވާ ފުރުސަތުގައި ބޭނުން ހިއްޕަވައި، އެބޭފުޅަކު ރާއްޖޭގެ ނާޒުކު ތިމާވެއްޓާމެދު އުފުއްލަވަން ބޭނުންފުޅުވާ އަޑު މެސެޖެއްގެ ސިފައިގައި ލިޔުއްވާލެއްވުމަށްފަހު އެ މެސެޖު ހިއްޕަވައިގެން (މެސެޖާއެކު) ފޮޓޯއެއް ނެގުމަށްފަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގެ ފޭސްބުކް (www.facebook.com/environment.gov.mv)  އަދި ޓުވިޓަރ (EnvGovMv@) އަށް ފޮނުއްވުން އެދެމެވެ. މިގޮތުން މި ފޮޓޯތައް އެއްތަނަކުން ހޯދުމަށް ފަސޭހައަކަށް ހުށަހަޅާ ފޮޓޯތަކާއި މެސެޖުތަކުގައި  WED2014 , #WED2014MV# އަދި islandvoices# ހޭޝް ޓެގުތައް ބޭނުންކުރެއްވުން އެދެމެވެ. ތިޔަ ބޭފުޅުންގެ މެސެޖު ލިޔުމަށް ތައްޔާރު ކުރެވިފައިވާ ޚާއްޞަ ޓެމްޕްލޭޓެއް މިމިނިސްޓްރީގެ ރިސެޕްޝަނުންނާއި،  www.environment.gov.mv  އިން ޑައުންލޯޑު ކުރެވެން ހުންނާނެވާހަކަ ދެންނެވީމެވެ.

މި އިވެންޓު އެންމެ ރަނގަޅަށް، ކުލަ ގަދަކޮށް ފާހަގަ ކުރުމަށްޓަކައި ސަރުކާރު އަދި އަމިއްލަ އެކިއެކި ކުންފުނިތަކާއި، މަދަރުސާތަކާއި، ސިޔާސީ ޕާޓީތަކާއި، އެކި ޖަމިއްޔާތަކާއި، ކައުންސިލް އިދާރާތަކުންނާއި އަދި އެންމެހާ އަމިއްލަ ފަރާތްތަކުންވެސް މި ހަރަކާތުގައި ބައިވެރިވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.

މި ހަރަކާތުގެ އިތުރު މައުލޫމާތު ހޯއްދެވުމަށް، މި މިނިސްޓްރީގެ 3018355 ނުވަތަ 3018539 ނަންބަރަށް ގުޅުއްވުން އެދެމެވެ.

08 މޭ 2014
ހޯދާ