އެސް އެމް އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
2020 ވަނަ އަހަރު އެސްޑީއެފްސީއިން ދޫކުރަމުންދިޔަ ލޯނުތަކަށް އެދި ހުށަހެޅުން ވަގުތީ ގޮތުން މެދުކަނޑާލުން

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ކޯޕަރޭޝަނުން 2020 ވަނަ އަހަރުގެ ތެރޭ 285 ފަރާތަކަށް ޖުމްލަ 395 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައެވެ. މީގެ އިތުރުން އެންމެ ގިނަ ލޯނު ދޫކުރެވިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ވިޔަފާރިތަކަށާއި ކޮމާރޝިއަލް ވިޔަފާރިތަކަށެވެ. އަދި މިއަދާއި ހަމައަށް މުޅިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް މިކޯޕަރޭޝަނުން ލޯނު ދޫކުރެވިފައިވެއެވެ. މީގެތެރެއިން މިހާތަނަށް ދޫކުރެވިފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތަކެވެ.   

ހަމައެއާއި އެކު، މިއަހަރުތެރޭގައި ދުނިޔެއަށް ފެތުރިގެންދިޔަ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން 'ކޯވިޑް-19 ވިޔަފާރި އެހީ' ގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން ލޯނެއް ތަޢާރަފް ކުރެވި 2173 ފަރާތަކަށް 376 މިލިއަން ރުފިޔާގެ ލޯނުގެ އެހީ ވަނީ ދޫކުރެވިފައެވެ. އަދި މިލޯނުގެ ސަބަބުން ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީދަތިތަކަށް ލުޔެއް ލިބި، އެފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ މަގު ފަހިވެގެން ދިޔަކަމަށް ޤަބޫލުކުރެވެއެވެ.

2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި މި ކޯޕަރޭޝަނުން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ގޮތުން، 25 ޑިސެމްބަރ 2020 ވަނަދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލެވޭނެއެވެ. އަދި 2021 ވަނަ އަހަރު ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ 1 ފެބްރުއަރީ 2021 ވަނަ ދުވަހުން ފެށިގެންނެވެ.

އަޅުގަނޑުމެންގެ އަމާޒަކީ މި ކޯޕަރޭޝަނުން ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމެވެ.

މި ކޯޕަރޭޝަންއާއި ބެހޭ އިތުރު މަޢުލޫމާތު އެސްއެމްއީ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ވެބްސައިޓު (www.sdfc.mv) މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

20 ޑިސެންބަރު 2020
ހޯދާ