ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"ސިވިލް ސަރވިސް ކޮމިޝަނުން ކުރިއަށްގެންދާ އޮޑިޓުތައް ކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ބަޔާންކުރާ އުޞޫލު" އާންމުކުރުން

    ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 9 ވަނަ މާއްދާއިން ބާރުލިބިގެން އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ސިވިލް ސަރވިސްގެ އިދާރާތަކުގައި ކުރިޔަށްގެންދާނެ އޮޑިޓްތަކާއި، އެ އޮޑިޓްތައް ކުރިޔަށްގެންދިއުމުގައި ޝާމިލުވާ އެކިއެކި ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އޮޑިޓްތައް ކުރިއަށްގެންދާނެ ގޮތްތަކާއި، އޮޑިޓުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރެއިން އިޞްލާހުކުރުމަށް ކަނޑައަޅާ މުއްދަތުތަކަށް، އެ ކަންތައްތައް އިޞްލާހުކޮށްފައިނުވާ ނަމަ، އިހުމާލުވާ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތްތައް ބަޔާންކޮށް އެކުލަވާލާފައިވާ "ސިވިލް ސަރވިސް ކޮމިޝަނުން ކުރިއަށްގެންދާ އޮޑިޓުތައް ކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ބަޔާންކުރާ އުޞޫލު" މި ސަރކިއުލަރއާއެކު އާންމުކުރަމެވެ. މި އުޞޫލަށް އަމަލުކުރަން ފަށާފައިވަނީ 2020 ޑިސެންބަރު 07 ވަނަ ދުވަހުން ފެށިގެންނެވެ.

    މި އުޞޫލަށް އަމަލުކުރަން ފެށި ދުވަހުން ފެށިގެން ސިވިލް ސަރވިސްގެ އިދާރާތަކުގައި ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ އޮޑިޓް އެންޑް ކޮމްޕްލަޔަންސް ސެކްޝަނުގެ ފަރާތުން ހިންގާ އޮޑިޓުތައް ކުރިއަށްގެންދާނީ "ސިވިލް ސަރވިސް ކޮމިޝަނުން ކުރިއަށްގެންދާ އޮޑިޓުތައް ކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ބަޔާންކުރާ އުޞޫލު" ގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ކަމުގައި ދަންނަވަމެވެ.

08 ޑިސެންބަރު 2020
ހޯދާ