މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"ޕޮލިއުޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ސްޓޭންޑާރޑް-ވޭސްޓް އިންސިނެރޭޝަން" އަށް އާންމުންގެ ޚިޔާލު ހޯދުން

       އިންސިނެރޭޝަންއަކީ ކުނި މެނޭޖްކުރުމުގައި ކޮންމެހެން ބޭނުންކުރަންޖެހޭ ޓެކްނޮލޮޖީއެއްކަން ފާހަގަކުރެވެއެވެ. އެހެންކަމުން ރާއްޖޭގައިވެސް މި ޓެކްނޮލޮޖީގެ ބާވަތްތައް ޒަމާނުއްސުރެ އަންނަނީ ބޭނުންކުރަމުންނެވެ. މި ޓެކްނޮލޮޖީގެ ބާވަތްތައް ރާއްޖޭގައި ބޭނުންކުރަމުން އައިސްފައިވީނަމަވެސް މިހާތަނަށް މި ޓެކްނޮލޮޖީ ބޭނުންކުރުމުގައި ރާއްޖެއަށް އެކަށޭނެ ޤައުމީ މިންގަނޑެއް ހެދިފައި ނުވެއެވެ. "ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާޢިދު (ޤަވާޢިދު ނަންބަރު: 2013/R-58)ގެ ޖަދުވަލު (ހ) ގައި ކުނި މެނޭޖްކުރުމުގެ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. މިމިންގަނޑުތަކުގެތެރޭގައި ކުނި އިންސިނަރޭޓް ކުރުމަށްވެސް މިންގަނޑެއް ކަނޑައަޅާފައިވެއެވެ. ނަމަވެސް އިންސިނެރޭޓްކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުގައި ބުނެފައިވަނީ "އިންސިނެރޭޓް ކުރުމަށް އިންސިނެރޭޝަން ޓެކްނޮލޮޖީގެ ބޭނުންހިފާއިރު އެކަމަށް ޤައުމީ މިންގަނޑެއް ހެދިފައި ނެތްނަމަ އެކަމަށް ހެދިފައިހުރި ބައިނަލްއަޤުވާމީ މިންގަނޑަކަށް ރިޢާޔަތްކުރަންވާނެ" ކަމުގައެވެ.

       ނަމަވެސް ރާއްޖޭގައި މިފަދަކަމަކަށް ބައިނަލްއަޤުވާމީ މިންގަނޑެއްގެ ބޭނުންހިފާއިރު އެކަމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަންފާހަގަކުރެވެއެވެ. އެހެންކަމުން ރާއްޖޭގައި އިންސިނަރޭޝަން ޓެކްނޮލޮޖީތައް ޤާއިމުކޮށް އޭގެ ބޭނުންހިފުމުގައި ގެންގުޅޭނެ ޤައުމީ މިންގަނޑެއް މިހާރުވަނީ އެކުލަވާލާފައެވެ. އެގޮތުން މިފަދަ މިންގަނޑެއް އެކުލަވާލާ ތަންފީޒުކުރަން ފެށުމުގެ ކުރިން، ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަކީ މުހިއްމުކަމެއްކަމުގައި މިނިސްޓްރީން ދެކެމެވެ.

       އެގޮތުން މިހާރު ޑްރާފްޓްކޮށްފައިވާ، ރާއްޖޭގެ "ޕޮލިއުޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ސްޓޭންޑަރޑް – ވޭސްޓް އިންސިނެރޭޝަން"، ޢާއްމުކޮށް ކިޔާނަން "ނޭޝަނަލް ވޭސްޓް އިންސިނެރޭޝަން ސްޓެންޑަރޑް" އަށް ޢާއްމުންނާއި ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ޚިޔާލް ހޯދުމަށްޓަކައި ޢާއްމުކޮށް ހުޅުވާލަމެވެ.  

       ވީމާ، މިސްޓެންޑަރޑަށް ހުށަހަޅުއްވާ ޚިޔާލާއި ކޮމެންޓް މި އިޢުލާއިނާއި އެކު ޑައުލޯންޑް ކުރެވޭގޮތަށް ހިމަނާފައިވާ ފޯމެޓް ބޭނުންކުރައްވާ 15 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ މިމިނިސްޓްރީގެ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކޮށްދެއްވުން އެދެމެވެ. މި ސްޓެންޑަރޑް އާއި މިއަށް ކޮމެންޓް ހޯދަން އެކުލަވާލާފައިވާ ފޯމެޓް މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯން: 3018300
އީމެއިލް:  [email protected]
ވެބްސައިޓް: www.environment.gov.mv

01 ޑިސެންބަރު 2020
ހޯދާ