މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޯޕަރޭޓް ރެސިޑެންޓް ވީޒާއާބެހޭ ޞައްޙަ މަޢުލޫމާތު ޙިއްޞާކުރުމަށް އިލްތިމާޞްކުރުން

ނޫސް ބަޔާން

ކޯޕަރޭޓް ރެސިޑެންޓް ވީޒާއާބެހޭ ޞައްޙަ މަޢުލޫމާތު ޙިއްޞާކުރުމަށް އިލްތިމާޞްކުރުން

ޤާނޫނު ނަންބަރު 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގައި ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގޮތުން ހިމަނާފައިވާ މާއްދާގެ މާނަ އޮޅޭ ގޮތަށް ޢާންމުންގެ ތެރޭގައި ޙިއްޞާކުރަމުން އަންނަ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގަވާއިދު އެކުލަވާލައި ގެޒެޓުކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން 27 އެޕްރިލް 2015 ގައެވެ. އަދި އެ ގަވާއިދާއި އެކު، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއި ގުޅުވައިގެން އިނާޔަތްތަކުގެ ތެރޭގައި، ޑިއުޓީ ފްރީ، ޓެކްސް ފްރީ، ފާސްޓް ޓްރެކް ސަރވިސް ފަދަ ޚިދުމަތްތައް ޕްރޮމޯޓުކުރަމުން އެދުވަސްވަރު އައިސްފައިވެއެވެ. އިސްވެ ދެންނެވުނު ފަދަ އިނާޔަތްތައް، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއި ގުޅުވައިގެން ދިނުމަކީ، މި ސަރުކާރުގެ ވިސްނުމެއް ނޫންކަން އާންމުންނަށް އޮޅުން ފިލުވައިދިނުމަށް ބޭނުންވެއެވެ.

އިމިގްރޭޝަން ޤާނޫނަށް ގެނެވުނު އިޞްލާޙު ގެޒެޓުކުރެވުމުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރާނީ، އެ އިޞްލާހުގައި ބަޔާންކުރާ ގޮތުގެ މަތިން، އެ ޤާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ބިޒްނަސަސް އަލަށް އެކުލަވާލާ ގަވާއިދެއްގެ ދަށުންނެވެ. މި އިޞްލާޙުގައިވާ ގޮތުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓްތަކަށާއި، ދިވެހިރާއްޖޭގެ ބޭންކެއްގައި ނުވަތަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، މަދުވެގެން 250,000 އެމެރިކާ ޑޮލަރު ދިވެހިރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް އަލަށް އެކުލަވާލާ ގަވާއިދުގެ ދަށުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާ 5 އަހަރުން އައު ކުރެވޭނެ ގޮތަކަށް ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހެއެވެ.

މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުން، ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުން، ޓޫރިސްޓު ވީޒާގައި އައިސް ވިޔަފާރިއާބެހޭ ކަންތައްތައް ކުރުމުގެ ބަދަލުގައި، ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމުން، ކޯޕަރޭޓް ރެސިޑެންޓް ވީޒާގައި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދޫކުރެވޭނެއެވެ. އަދި، ކުރިއެކޭ އެއްގޮތަށް، ރާއްޖޭގައި، އަލަށް ވިޔަފާރިކުރުމަށް އެދޭ ކޮންމެ ފަރާތަކުންވެސް، ޤާނޫނު ނަންބަރު 79/25 (ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) ގެ ދަށުން ހުއްދަ ހޯދައި، ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން، ވިޔަފާރި ރަޖިސްޓަރީކުރުމަށް ލާޒިމުވާނެއެވެ.

ވީމާ، ދިވެހިރައްޔިތުންގެ އިންވެސްޓްމަންޓްތަކަށް ހިޔަނި އެޅޭފަދަ ގޮތަކަށް ސަރުކާރުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ތަޢާރަފުކޮށްފައިވާކަމަށް ބުނެ، މަޢުލޫމާތު ދެމުންދާތީ، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާބެހޭ ޞައްޙަ މަޢުލޫމާތު ޢާންމުންނާއި ޙިއްޞާކުރުމަށް އިލްތިމާޞްކުރަމެވެ.

10 ނޮވެންބަރު 2020
ހޯދާ