މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލަށް އިޞްލާޙު ގެނައުން
އިޢުލާން
އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލަށް އިޞްލާޙު ގެނައުން
އުޞޫލު ނަންބަރު 2020/4 (ރ.މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު) އަށް އިޞްލާޙު ގެނެސް، ރ. މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު – ފުރަތަމަ އިޞްލާޙު (6/2020) ނަމުގައި އުޞޫލު މިހާރު ވާނީ ގެޒެޓް ކޮށްފައެވެ. މިއުޞޫލަށް ގެނެވުނު އިޞްލާޙުތައް ތިރީގައި އެވަނީއެވެ.
- މިއުޞޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ރ.މަޑުއްވަރީއަށް އެއްވެސް އޮޑިއެއް އެހެލަންވާނީ، އަދި އޮޑިއެއް ބާލަންވާނީ، މިއުސޫލުގެ ޖަދުވަލު 1 ގައިވާ "އޮޑިދޯނިފަހަރު އެހެލާ ބޭލުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހަޅައި، ކައުންސިލުން ހުއްދަ ދިނުމުންނެވެ.
- މިއުޞޫލަށް ޢަމަލުކުރުމުގައި ރަށަށް ނިސްބަތްވާ އޮޑިއެއް ކަމުގައި ބެލެވޭނެ ޙާލަތްތައް ތިރީގައި އެވަނީއެވެ. އަދި މިނޫން އުޅަނދުފަހަރު ބެލެވޭނީ ރަށުން ބޭރު އުޅަނދުފަހަރުގެ ގޮތުގައެވެ.
- ރަށަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރު
- ރަށުގެ ރަށްވެއްސަކާއެކު އެގްރިމެންޓެއް ހަދައި އެއެގްރިމެންޓުގެ ދަށުން ގެންގުޅޭ އުޅަނދުފަހަރުގެ ތެރެއިން އެގްރިމެންޓުގެ ކޮޕީ ހުށަހަޅާފައިވާ އުޅަނދުފަހަރު
- ރަށުގެ ރަށްވެއްސަކަށް ވިއްކާފައިވާ ނުވަތަ ދީފައިވާ ކަމަށް ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެއް ނުވަތަ ޝަރުޢީ ކޯޓަކުން ޞައްޙަކަމަށް ކަނޑައަޅާފައިވާ ލިޔުމަކާއެކު ހުށަހަޅާފައިވާ އުޅަނދުފަހަރު.
- އޮޑިދޯނިފަހަރުގެ މަރާމާތުގެ މަސައްކަތްތަކުން އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތާލަން ޖެހޭނެއެވެ. މިފަދަ ކުނި ނައްތާލަންވާނީ ރ.މަޑުއްވަރީގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދާއި އެކަމާގުޅޭ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
- މިއުޞޫލުގެ ދަށުން ނެގޭ ކުލި ނަގަންފަށަންވާނީ 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް، އޮޑިއެހެލާ ބޭލުމުގެ ކުރިން އުޞޫލުގައި ބަޔާންކުރާ ފޯމު ހުށަހަޅައި ކައުންސިލްގެ ހުއްދަ ހޯދަންވާނެއެވެ.
- 1 ޖަނަވަރީ 2021 އާއި ހަމައަށް ރަށުގައި އެހެލާފައި ހުރި އުޅަނދުފަހަރުގެ ވެރިން ނުވަތަ ޒިންމާވާ ފަރާތްތަކުން، އެތާރީޚުގެ ކުރިން މިއުޞޫލުގައި ބަޔާންކުރާ "އޮޑިދޯނިފަހަރު އެހެލާ ބޭލުމަށް އެދި ހުށަހަޅާ ފޯމު" ހުށަހަޅަންވާނެއެވެ. މިއުޅަނދުތަކަށް ކުލި ހިނގަން ފަށާނީ 1 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެންނެވެ.
- މިއުޞޫލުގެ ދަށުން އެހެލާފައިވާ އޮޑިދޯނިފަހަރު ބާލަންވާނީ، އޮޑިއެހެލުމަށް ހުއްދަ ދިން ފޯމު ހުށަހަޅައި، އޮޑި ބޭލުމުގެ ހުއްދަ ކައުންސިލުން ހޯދުމަށްފަހުއެވެ.
- 1 ޖަނަވަރީ 2021 އާއި ހަމައަށް ރަށުގައި އެހެލާފައި ހުރި އުޅަނދުފަހަރުގެ ވެރިން ނުވަތަ ޒިންމާވާ ފަރާތްތަކުން، އެތާރީޚުގެ ކުރިން މިއުޞޫލުގައި ބަޔާންކުރާ ފޯމު ހުށަނާޅައިފިނަމަ، ފޯމު ހުށަނާޅައި އޮންނަ ކޮންމެ ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ރޭޓުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ބިމުކުލީގެ ފައިސާ ކައުންސިލުން ބަލައިގަންނާނީ ޖޫރިމަނާ ފައިސާއާއި އެކުގައެވެ.
- 1 ޖަނަވަރީ 2021 ގެ ފަހުން މިއުޞޫލުގައި ބަޔާންކުރާ ފޯމު ހުށަނާޅައި ނުވަތަ ކައުންސިލްގެ ހުއްދަ ހޯދުމަކާނުލައި އޮޑިއެއް އެހެލައިފިނަމަ، ފޯމު ހުށަނާޅައި އޮންނަ ކޮންމެ ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ރޭޓުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ބިމުކުލީގެ ފައިސާ ކައުންސިލުން ބަލައިގަންނާނީ ޖޫރިމަނާ ފައިސާއާއި އެކުގައެވެ.
- އޮޑި ބާލާ ތާރީޚުން ފެށިގެން 3 މަސްދުވަސް ތެރޭގައި، މިކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، ކައުންސިލުން އެފައިސާ ހޯދުމަށް ޝަރީޢަތަށް ހުށަހެޅޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 އޮކްޓޫބަރު 2020
ހޯދާ