މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ދެބާވަތެއް ކަމަށްވާ ހުދު ބަޓު އަދި ކަޅު ބަޓު ސައިޓީސް މުޢާހަދާގެ ޖަދުވަލު 2 ގައި ހިމެނުމާބެހޭ

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ، "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ" (ސައިޓީސް) މުޢާހަދާއިން އޮގަސްޓް 2019 ގައި ބޭއްވުނު 18 ވަނަ "ކޮންފަރެންސް އޮފް ދަ ޕާރޓީސް" (ކޮޕް 18) ގައި، ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ދެބާވަތެއް ކަމަށްވާ ހުދު ބަޓު (Holothuria fuscogilva) އަދިކަޅު ބަޓު (Holothuria nobilis) ވަނީ އެމުޢާހަދާގެ ޖަދުވަލު 2 (ދޭއް) ގައި ހިމެނުމަށް ފާސްކޮށް، އެކަމަށް ތައްޔާރުވުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. 

މިގޮތުން، 28 އޮގަސްޓް 2020 ވަނަ ދުވަހުން ފެށިގެން މި ދެބާވަތުގެ ހުއިފިލަނޑާއަކީ ސައިޓީސް މުޢާހަދާގެ ޖަދުވަލު 2 (ދޭއް) ގައި ހިމެނޭނެ ދެބާވަތެވެ. ސައިޓީސްގެ ޖަދުވަލު 2 (ދޭއް) ގައި އެއްވެސް ބާވަތެއްގެ ދިރޭ އެއްޗެއް ހިމަނައިފިނަމަ، އެ ބާވަތެއް ވިޔަފާރި އުޞޫލުން އެއްގައުމުން އަނެއްގައުމަށް ގެންދެވޭނީ، އެކްސްޕޯޓުކުރާ ޤައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީއިން ދޭ ސައިޓީސް ޕާމިޓަކާއެކުގައެވެ. މެނޭޖްމަންޓް އޮތޯރިޓީއަށް ސައިޓީސް ޕާމިޓް ދޫކުރެވޭނީ އެކްސްޕޯޓް ކުރާ ޤައުމުގެ "ސައިޓީސް ސައިންޓިފިކް އޮތޯރިޓީ"އިން ތައްޔާރުކުރާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެން.ޑީ.އެފް.) އަކުން އެބާވަތުގެ ދިރޭތަކެތި، އޭގެ މާހައުލުން ނަގާ އެކްސްޕޯޓުކުރާ މިންވަރަކީ އެބާވަތުގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން، މެނޭޖްމަންޓް އޮތޯރިޓީ އަށް އެންގުމުންނެވެ. ސައިންޓިފިކް އޮތޯރިޓީއިން ހަދާ އެން.ޑީ.އެފް. އަކުން އެބާވަތުގެ ދިރޭތަކެތީގެ ނަގާ މިންވަރުގެ ސަބަބުން އެ ބާވަތެއްގެ އާބާދީއަށް ގެއްލުންތަކެއް ވާކަމަށް ދައްކާނަމަ، އެބާވަތެއް އެކްސްޕޯޓް ކުރުމަށް ސައިޓީސް ޕާމިޓް ދޫކުރުމަކީ މެނޭޖްމަންޓް އޮތޯރިޓީއަށް ކުރެވޭނެކަމެއް ނޫނެވެ.

މަތީގައި ދަންނަވާފައިވާ ދެބާވަތުގެ ހުއިފިލަނޑާ ޖަދުވަލު 2 (ދޭއް) ގައި ހިމެނުމަށް ސައިޓީސް މުޢާހަދާއިން ފާސްކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީއެއް ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓު (އެމް.އެމް.އާރް.އައި) އިން ވަނީ އެދެބާވަތުގެ މަސްވެރިކަމުގެ އެން.ޑީ.އެފް. ތައްޔާރުކޮށް، ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީ ކަމުގައިވާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ޙިއްސާކޮށްފައެވެ. މި އެން.ޑީ.އެފް. އިން ނިންމާފައިވަނީ މިދެބާވަތުގެ ހުއިފިލަނޑާގެ މަސްވެރިކަން ރާއްޖޭގައި މިހާރު ކުރާ މިންވަރުން (ހާވެސްޓް ކުރާ މިންވަރުން) އެދެބާވަތުގެ އާބާދީ (ސްޓޮކް) އަށް ގެއްލުންވުމުގެ ފުރުޞަތު ބޮޑުކަމަށެވެ.

ވީމާ، މިނިންމުމާއި ގުޅިގެން 28 އޮގްސްޓް 2020 ވަނަ ދުވަހުން ފެށިގެން ނަގާ (ހާވެސްޓްކުރާ) ހުދު ބަޓު (Holothuria fuscogilva) އަދި ކަޅު ބަޓު (Holothuria nobilis) އެކްސްޕޯޓު ކުރުމަށް، ދޫކުރަންޖެހޭ ސައިޓީސް ޕާމިޓް މި މިނިސްޓްރީން ދޫ ނުކުރާނެވާހަކަ ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ. އަދި މި ދެ ބާވަތަށް ސައިޓީސް އެކްސްޕޯޓް ޕާމިޓް ދޫކުރަން ފަށާނީ އެ ދެބާވަތުގެ ހުއިފިލަނޑާ ނަގާ މިންވަރަކީ އޭގެ އާބާދީ ދެމެހެއްޓުމަށް ގެއްލުން ނުވާ މިންވަރެއް ކަމަށް ސައިންޓިފިކް އޮތޯރިޓީއިން ތައްޔާރުކުރާ އެން.ޑީ.އެފް އަށް ރިޢާޔަތްކޮށް، މި މިނިސްޓްރީއަށް އެންގުމުންނެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް [email protected] އަށް ޞުރުހީގައި "ސައިޓީސްއާއި ގުޅޭ" މިގޮތަށް ލިޔުއްވުމަށްފަހު އީމެއިލް ކުރެއްވުން އެދެމެވެ.  

27 އޮގަސްޓް 2020
ހޯދާ