މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

Secretariat of the Maduvvaree Council, North Maalhosmadulu

 

2020/4

ރ. މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު 

12 އޮގަސްޓު 2020

1.

ތަޢާރަފާއި ނަން

(ހ)

މިއުޞޫލަކީ ޤަވާއިދު ނަންބަރު 2013/R-820 (އޮޑިހަރުގެއާއި ބެހޭ ޤަވާއިދު) ގެ 15 ވަނަ މާއްދާގެ ދަށުން، ރ.މަޑުއްވަރީގައި އޮޑިދޯނިފަހަރު އެހެލުމާއި ބޭލުމުގައި ޢަމަލުކުރާނެ މިންގަނޑު ކަނޑައެޅުމަށް އެކުލަވާލާފައިވާ އުޞޫލެކެވެ.

(ށ)

މި އުޞޫލަށް ކިޔާނީ "ރ. މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު" އެވެ.

2.

މަޤްޞަދު

 

މިއުޞޫލުގެ މަޤްޞަދަކީ ރ.މަޑުއްވަރީގައި އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމާއި، ކަނޑައެޅިފައިވާ އުޞޫލަކުން އޮޑިދޯނިފަހަރު އެހެލާ ބޭލުމުގެ ކަންކަން އިންތިޒާމުކުރުމާއި، ރަށުންބޭރު އޮޑިދޯނިފަހަރަށްވުރެ، ރަށަށް ނިސްބަތްވާ އޮޑޮދޯނިފަހަރަށް އިސްކަންދީގެން އެހެލާ ބޭލުމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމެވެ.

3.

ޢަމަލުކުރަން ފަށާ ތާރީޚް

 

 

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 2020 އޮގަސްޓު 16 ވަނަ ދުވަހުން ފެށިގެންނެވެ.

4.

ކައުންސިލުން ހުއްދަދިނުން

 

މިއުޞޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ރ.މަޑުއްވަރީއަށް އެއްވެސް އޮޑިއެއް އެހެލަންވާނީ، އެހެލުމުގެ ކުރިން މިއުސޫލުގެ ޖަދުވަލު 1 ގައިވާ "އޮޑިދޯނިފަހަރު އެހެލުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހަޅައި، ކައުންސިލުން ހުއްދަ ދިނުމުންނެވެ.

5.

ޒިންމާ ނެގުން

(ހ)

ރަށަށް ނިސްބަތްވާ އޮޑިދޯނިފަހަރު އެހެލާނަމަ، ކުލި ދެއްކުމާއި، ޤަވާއިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމުގައި ޒިންމާވާނެ ފަރާތަކީ އޮޑީގެ ވެރިފަރާތުގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ރ.މަޑުއްވަރީގެ ރައްޔިތެވެ.

 

 

(ށ)

ރަށަށް ނިސްބަތްނުވާ ނުވަތަ ރަށުންބޭރު އޮޑިދޯނިފަހަރު އެހެލާނަމަ، މުއާމަލާތުކުރުމާއި ޒިންމާނަގާނެ ފަރާތެއްގެ ގޮތުގައި، އަދި ކުލި ދެއްކުމަށް ގެރެންޓަރއެއްގެ ގޮތުގައި ރ.މަޑުއްވަރީގެ ރައްޔިތަކު ހުންނަންވާނެއެވެ. އަދި ޖަދުވަލު 1 ގައިވާ "އޮޑިދޯނިފަހަރު އެހެލުމަށް އެދި ހުށަހަޅާ ފޯމު" ގައި އެފަރާތުގެ މަޢުލޫމާތު ފުރިހަމަކުރަންވާނެއެވެ.

 

 

(ނ)

ރަށަށް ނިސްބަތްވާ އޮޑިއެއް ކަމުގައި ބެލެވޭނީ ރ.މަޑުއްވަރީގައި ރަޖިސްޓަރީ ވެފައިވާ އޮޑިދޯނިފަހަރަށެވެ. ރަށުން ބޭރު އޮޑިއެއް ކަމުގައި ބެލެވޭނީ ރ.މަޑުއްވަރީ ނޫން އެހެން ރަށަކަށް ރަޖިސްޓަރީ ވެފައިވާ އޮޑިދޯނިފަހަރަށެވެ.

 

 

(ރ)

އެއްވެސް މީހެއްގެ މައްޗަށް ރަޖިސްޓަރީ ކޮށްފައިނުވާ ނުވަތަ ވަކި މީހަކަށް ރަޖިސްޓަރީ ކޮށްފައިވާކަން އެނގެން ނެތް އޮޑިދޯނިފަހަރާމެދު ޢަމަލުކުރާނީ ރަށުން ބޭރު އޮޑިދޯނިފަހަރާމެދު ޢަމަލުކުރާ އުޞޫލުންނެވެ.

6.

އޮޑި މަރާމާތު ކުރުމުގެ މަސައްކަތް ކުރުން

(ހ)

އޮޑި އެހެލުމަށްފަހު، އެ އޮޑިއެއް މަރާމާތުކުރުމުގެ މަސައްކަތް ކުރަންވާނީ ތިރީގައި ބަޔާންކުރާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

  1. އޮޑި އެހެލާފައިވާ ސަރަޙައްދުގައި ފައިބަރުގެ މަސައްކަތެއް ކުރާނަމަ، އެސަރަޙައްދެއް ދަގަނޑު ޓިނު ފަދަ މެޓީރިއަލެއް ބޭނުންކޮށްގެން ބިއްތަކާއި ފުރާޅާއެކު ހަރުގެ ހަދައި، ވަށައިގެން ބައްދަންވާނެއެވެ.
  2. ފައިބަރުގެ އެއްވެސް މަސައްކަތެއް، ބައްދާފައިވާ ހަރުގެއިން ބޭރުގައި ކޮށްގެންނުވާނެއެވެ.
  3. އޮޑިދޯނިފަހަރު މަރާމާތުގެ މަސައްކަތް ކުރާއިރު ބޭނުންކުރާ ބާވަތްތަކުން އުފެދޭ ކުނޑި މާޙައުލުގެ ތެރެއަށް ފެތުރިގެން ގޮސްގެން ނުވާނެއެވެ.
  4. ފައިބަރުގެ މަސައްކަތް ކުރާ ތަނުން ވައި ބޭރުކުރުމަށްޓަކައި، އެގްޒޯސް ހަރުކޮށް، ހަރުގޭގައި އުފެދޭ ކުނޑިއާއި ވަސް ފިލްޓަރ ނިޒާމަކުން ނައްތާލެވެން ވާނެއެވެ.
  5. މަސައްކަތުން އުފެދޭ ކުނި ނައްތާލަންވާނީ ރ.މަޑުއްވަރީގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދާއި އެކަމާގުޅޭ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
  6. އޮޑި އެހެލާފައިވާ ސަރަޙައްދުގައި މަސައްކަތް ކުރާ މީހުންގެ ޞިއްޙަތާއި ސަލާމަތާއި ރައްކާތެރިކަމާއި ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަންވާނެއެވެ.
  7. މަސައްކަތުގެ ސަބަބުން އޮޑި އެހެލާފައިވާ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ގޭގެއަށް އަދި އާންމު ފަރުދުންނަށް އެއްވެސްކަހަލަ އުނދަގުލެއް ފޯރައިގެން ނުވާނެއެވެ.

7.

އޮޑި އެހެލާފައި ބާއްވާ ބިމުން ނެގޭ ކުލި

(ހ)

ރަށަށް ނިސްބަތްވާ އޮޑިދޯނިފަހަރު އެހެލާފައި ބާއްވާ ބިމުން ކުލި ނެގޭނީ، އޮޑި އެހެލާ ތާރީޚުން ފެށިގެން 10 ދުވަސް ނިމުމަށްފަހު 11 ވަނަ ދުވަހުން ފެށިގެން އޮޑި ބާލާދުވަހާއި ހަމައަށް ދުވާލަކަށް އަކަފޫޓަކަށް 20/- (ދެލާރި) ގެ ރޭޓުންނެވެ.

(ށ)

ރަށުން ބޭރު އޮޑިދޯނިފަހަރު އެހެލާފައި ބާއްވާ ބިމުން ކުލި ނެގޭނީ، އޮޑި އެހެލާ ތާރީޚުން ފެށިގެން އޮޑި ބާލާ ދުވަހާއި ހަމައަށް ދުވާލަކަށް އަކަފޫޓަކަށް 10/- (ދިހަލާރި) ގެ ރޭޓުންނެވެ.

(ނ)

އަކަފޫޓުގެ ގޮތުގައި ބަލާނީ އޮޑީގެ ދިގުމިނާއި ފުޅާމިނަށް ބަލައިގެންނެވެ. ފުޅާމިން ކަމުގައި ބަލާނީ އޮޑީގެ އެންމެ ފުޅާ ހިސާބުގެ މިނެވެ.

(ރ)

ރަށަށް ނިސްބަތްވާ އޮޑިދޯނިފަހަރު އެހެލާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި އޮޑި ބާލާނަމަ، އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހޭނެއެވެ. ރަށުން ބޭރު އުޅަނދެއްނަމަ، އޮޑިއެހެލާ ދުވަހުން ފެށިގެން ކުލި ހިނގަން ފަށާނެވެ.

(ބ)

ކުލި ދައްކަންވާނީ ދުވާލަކަށް ޖެހޭ އަދަދު، އޮޑި އެހެލާ ތާރީޚުން ފެށިގެން އޮޑި ބާލާ ތާރީޚާއި ދެމެދު ހިނގާ ދުވަހުގެ އަދަދާއި ގުނަކުރުމުން ޖެހޭ ޖުމްލަ އަދަދެވެ. 

(ޅ)

އޮޑި އެހެލުމަށްފަހު މީލާދީ މަހަކަށްވުރެ ގިނަދުވަސް ވާނަމަ، ކުލީގެ ގޮތުގައި ދުވާލަކަށް ދައްކަންޖެހޭ އަދަދު، މަސްދުވަހުގެ އަދަދާއި ގުނަކުރުމަށްފަހު، ކޮންމެ މަހަކަށް ދައްކަންޖެހޭ ފައިސާ ކައުންސިލް އިދާރާއަށް ދައްކަމުން ގެންދަންވާނެއެވެ.

(ކ)

އޮޑި ބާލާ ތާރީޚުން ފެށިގެން 3 ދުވަސް ތެރޭގައި މިކަމާ ގުޅިގެން ދައްކަންޖެހޭ އެންމެހާ ފައިސާ ކައުންސިލް އިދާރާއަށް ދައްކައި ޚަލާސްކުރަންވާނެއެވެ.

 

 

(އ)

މިއުޞޫލަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން 15 ދުވަހުގެ މުއްދަތުގެ ތެރޭގައި އުޞޫލަށް ޢަމަލުކުރަން ފަށާއިރު ރަށުގައި އެހެލާފައިވާ އޮޑިދޯނިފަހަރުގެ ވެރިން، މިއުޞޫލުގައި ބަޔާންކުރާ "އޮޑިދޯނިފަހަރު އެހެލުމަށް އެދި ހުށަހަޅާ ފޯމު" ހުށަހަޅަންވާނެއެވެ. މިއުޅަނދުތަކަށް ކުލި ހިނގަން ފަށާނީ މިއުޞޫލަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ފަހުއެވެ.

8.

ޖޫރިމަނާ

(ހ)

މިއުޞޫލުގައި ބަޔާންކުރާ "އޮޑިދޯނިފަހަރު އެހެލުމަށް އެދި ހުށަހަޅާ ފޯމު" ހުށަނާޅައި، އެއްވެސް ފަރާތަކުން އޮޑިއެއް އެހެލައިފިނަމަ، ނުވަތަ މިއުޞޫލުގެ 7 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ގޮތަށް ފޯމު ހުށަނާޅައިފިނަމަ، ބިމުކުލީގެ އިތުރުން، ފޯމު ހުށަނާޅާ އޮންނަ ކޮންމެ ދުވަހަކަށް، -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ރޭޓުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ބިމުކުލީގެ ފައިސާ ކައުންސިލުން ބަލައިގަންނާނީ ޖޫރިމަނާ ފައިސާއާއި އެކުގައެވެ.

(ށ)

އޮޑި ބާލާ ތާރީޚުން ފެށިގެން 3 ދުވަސް ތެރޭގައި، މިކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް، ދައްކަންޖެހޭ އަދަދުގެ %1 (އެކެއް އިންސައްތަ) ޖޫރިމަނާގެ ގޮތުގައި ކައުންސިލަށް ދައްކަންޖެހޭނެއެވެ.

9.

މާނަކުރުން

(ހ)

މި އުޞޫލުގައި "އޮޑި" އަދި "އޮޑިދޯނިފަހަރު" އެއީ ކަނޑުގައި ދުއްވާ އެންމެހާ އުޅަނދުފަހަރެވެ.

(ށ)

މި އުޞޫލުގައި "ކައުންސިލް" ކަމަށް ބުނެފައި އެވަނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލަށެވެ.

 

12 އޮގަސްޓް 2020
ހޯދާ