ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާނު

 

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

 ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ޤާނޫނީ ދާއިރާގެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީ، އެ ޓްރައިބިއުނަލަށް ޤާނޫނީ ދާއިރާގެ މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 2 ފެބުރުވަރީ 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.

ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނު) ގެ  56 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، މި މާއްދާގެ (ނ) ގައި، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

56 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު:

ދިވެހިރާއްޖޭގައި ޤާނޫނީ ދާއިރާގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލުކޮށްފައިވާ މީހަކުކަމުގައިވުން.

56 ވަނަ މާއްދާގެ (ނ) :

1. މުސްލިމަކު ކަމުގައިވުން؛

2. ދިވެހި ރައްޔިތަކު ކަމުގައިވުން؛

3. ބުއްދި ސަލާމަތުންހުރުން؛

4. ޢުމުރުން 18 އަހަރު ފުރިފައިވުން؛

5. މާލީ، ޓެކްސް، ވިޔަފާރި، އާއި އިޤްތިޞާދު ނުވަތު ޤާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ޤާބިލު ފަރާތެއްކަމުގައިވުން؛

6. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛

7. އިފްލާސް ކުރެވިފައިވާ މީހަކުކަމުގައި ނުވުން؛

8. ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން؛

9. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން؛

10. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކުކަމުގައި ނުވުން؛

11. ސިޔާސީ މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން؛

12. އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން؛

13. ސިވިލް ސަރވިސް މުވައްޒަފެއް ކަމުގައި ނުވުން؛

14. މިނިވަން މުސްތަޤިއްލު މުވައްސަސާއެއްގެ މުވައްޒަފެއްކަމުގައި ނުވުން.

ވީމާ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

1.  މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު

2.  މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު

3.  ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑު ފޯމު

4. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު

5. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރުފަހު 2:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ presidency.gov.mv އެވެ.

_____________________

2 ޖުމާދަލްއާޚިރާ 1441

27 ޖަނަވަރީ 2020
ހޯދާ